ރާއްޖޭގެ މަޝްހޫރި ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅެފައިވާ "އެރެއަށް ފަހު" އަންނަ މަހު މީޑިއާނެޓުން ޕްރީމިއާކުރަން ނިންމައި އޭގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
އަންނަ މަހުގެ 11 ގައި މީޑިއާނެޓްގެ ވީޑިއޯ ކުލަބުން ޕްރީމިއާކުރަން ހަމަޖެހިފައިވާ މި ސީީރީޒްގެ ކާސްޓްގައި އައިމިނަތު ރަޝްފާ (އާޝާ) އާއި އިބްރާހީމް ޖިހާދު (ޖިމީ) ގެ އިތުރުން މަރިޔަމް ޝިފާ ވެސް ހިމެނެ އެވެ. މީޑިއާނެޓް ގެ އޮރިޖިނަލް ކޮންޓެއްގެ ގޮތުގައި ގެނެސްދޭން ތައްޔާރުވަމުން އަންނަ ތުރިލާ ޖޯންރާގެ "އެރެއަށް ފަހު" އަކީ މުހައްމަދު އަބްދުﷲ (މުހައްމާކަލޯ) ޕްރޮޑިއުސްކޮށްފައިވާ އެއްޗެކެވެ.
ޔޫއްޕެގެ މުޅިން އާ އުފެއްދުމެއް ސްޓްރީމިން ދޫކޮށްލަން ތައްޔާރުވަމުން އަންނަ އިރު، އޭނަ ޑައިރެކްޓްކޮށް ކުޅެފައިވާ ލޯބީގެ ބިރުވެރި ފިލްމު "ސާޔާ" އޮގަސްޓް 7 ގައި އޮލިމްޕަހަށް ގެންނަން އޮތީ ނިންމައިފަ އެވެ. އަދި ޔޫއްޕެ ބަތަލުގެ ރޯލު ކުޅެފައިވާ ހުސައިން މުނައްވަރުގެ "ކަމަނާ" އޮގަސްޓް 27 ގައި އޮލިމްޕަހުގެ ސްކްރީނަށް އަންނާނެ އެވެ.
ޔޫއްޕެ ޑައިރެކްޓްކުރި ދެ ފިލްމެއް މިދިޔަ އަހަރު އޮލިމްޕަހުގައި އެޅުވި އެވެ. އެއީ ކޮމެޑީ ފިލްމު "ޖޯކަރު" އާއި ބިރުވެރި ފިލްމު "ކަޅަކި" އެވެ.