ކ. މާފުށީ ޖަލުގައި އިއްޔެ ނިޔާވި މީހާ އަށް އަނިޔާކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނަ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި އެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި، އިއްޔެ މެންދުރު ފަހު ނިޔާވީ ށ. ފުނަދޫ ޒަމާނީވިލާ މުހައްމަދު ޖަމީލު، 45، އެވެ.
އޭނަގެ މަރާ ގުޅިގެން ކަރެކްޝަނަލް ސާވިސް އިން ބުނީ ނަފުސާނީ ބައްޔަކަށް ވެސް ފަރުވާ ހޯދަމުން ދިޔަ ޖަމީލު ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރް ދީ، އެއްވެސް ބަދަލެއް ނައުމާ ގުޅިގެން މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފެށި ކަމަށެވެ.
އޭގެ ފަހުން ޖަމީމު މަރުވީ ކަމަށް ނިންމީ ހިތް ހުއްޓިގެންނެވެ.
ނަމަވެސް އޭނަގެ ކަށުނަމާދު މިއަދު ފަތިހު ބާއްވަން ނިންމާފައި ވަނިކޮށް، ޖަމީލު މަރުވީ އަނިޔާކޮށްގެން ކަމަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ޖަނާޒާ ކެންސަލްކޮށް، ޕޯސްޓްމޯޓަމް ހަދަން މިހާރު ވަނީ ނިންމައިފަ އެވެ.
މިކަމާ ގުޅޭ ގޮތުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ރޭ ވިދާޅުވީ ސިސީޓީވީ ފޫޓޭޖުން ދައްކާ ގޮތުން ޖަމީލުގެ ފަހު ވަގުތު ހޭދަކުރީ ނަމާދުގައި ކަމަށެވެ.
"ސީސީޓިވީ ފޫޓޭޖުން ދައްކާ ގޮތުން ޖަމީލު ނިޔާވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު ގޮޅީގައި ނަމާދު ކުރަން ސަޖިދާގައި އޮއްވާ." މިނިސްޓަރު ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ މި މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. އަދި އެޗްއާރުސީއެމުން ވެސް އެ މައްސަލައިގެ އަމިއްލަ ތަޙްޤީޤެއް ކުރުމުގެ ފުރުސަތު ދޭނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މައްސަލަ ބަލަން ބޭނުންވާ އިދާރާތަކަށް ފުލުހުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި ސީސީޓީވީ ފުޓޭޖާއި އިތުރު ރިސޯސެސް ވެސް ފޯރުކޮށް ދޭނެކަމުގެ ޔަޤީންކަން ވެސް ދެއްވާ ކަމަށެވެ.