ކ. މާފުށީ ޖަލުގައި އިއްޔެ ނިޔާވި މީހާގެ ޖަނާޒާ މިއަދު ބާއްވައިފި އެވެ.
އިއްޔެ މެންދުރު ފަހު ނިޔާވީ ށ. ފުނަދޫ ޒަމާނީވިލާ މުހައްމަދު ޖަމީލު، 45، ގެ ޖަނާޒާ މިއަދު ހެނދުނު ބޭއްވީ އޭނަގެ ޖަނާޒާ މިއަދުގެ ފަތިސް ނަމާދަށް ފަހު ހުޅުމާލޭގެ ސަހަރާގައި ބާއްވަން ނިންމުމަށް ފަހު، ވަގުތު ފަހުން ފަސްކުރުމަށް ފަހު އެވެ.
ޖަނާޒާގައި މިއަދު ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޖަމީލު މަރުވީ ޖަލުގައި އަނިޔާކޮށްގެން ކަމަށް އާއިލާއިން ތުހުމަތު ކުރާތީ އެ މައްސަލަ އިތުރަށް ބަލަން ވަނީ ނިންމައިފަ އެވެ. ޖަމީލު ވަޅުލީ ޕޯސްޓްމޯޓަމް ހަދަން ނިންމި ނަމަވެސް، އާއިލާ އިން އެކަމަށް ހުއްދަ ނުދިނުމުންނެވެ.
މިނިސްޓަރު އިހުސާން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ރޭ ވިދާޅުވީ ސިސީޓީވީ ފޫޓޭޖުން ދައްކާ ގޮތުން ޖަމީލުގެ ފަހު ވަގުތު ހޭދަކުރީ ނަމާދުގައި ކަމަށެވެ.
"ސީސީޓިވީ ފޫޓޭޖުން ދައްކާ ގޮތުން ޖަމީލު ނިޔާވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު ގޮޅީގައި ނަމާދު ކުރަން ސަޖިދާގައި އޮއްވާ." މިނިސްޓަރު ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ މި މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. އަދި އެޗްއާރުސީއެމުން ވެސް އެ މައްސަލައިގެ އަމިއްލަ ތަޙްޤީޤެއް ކުރުމުގެ ފުރުސަތު ދޭނެ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މައްސަލަ ބަލަން ބޭނުންވާ އިދާރާތަކަށް ފުލުހުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި ސީސީޓީވީ ފުޓޭޖާއި އިތުރު ރިސޯސެސް ވެސް ފޯރުކޮށް ދޭނެކަމުގެ ޔަޤީންކަން ވެސް ދެއްވާ ކަމަށެވެ.
ޖަމީލުގެ މަރާ ގުޅިގެން ކަރެކްޝަނަލް ސާވިސް އިން ބުނީ ނަފުސާނީ ބައްޔަކަށް ވެސް ފަރުވާ ހޯދަމުން ދިޔަ ޖަމީލު ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރް ދީ، އެއްވެސް ބަދަލެއް ނައުމާ ގުޅިގެން މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފެށި ކަމަށެވެ.
އޭގެ ފަހުން ޖަމީމު މަރުވީ ކަމަށް ނިންމީ ހިތް ހުއްޓިގެންނެވެ.
ޖަމީލަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދަން ޖަލުގައި ބަންދުކޮށްފައި ހުރި މީހެކެވެ.
ކަރެކްޝަނަލް ސާވިސް ބުނެފައި ވަނީ އަކީ ނަފުސާނީ ބައްޔަކަށް ވެސް ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށެވެ.