މާފުށީ ޖަލުގައި އިއްޔެ ނިޔާވި މުހައްމަދު ޖަމީލަށް ޖަލުގައި އަނިޔާކޮށްފައިވާ ކަމަށް ނުބެލެވޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިއަދު ހެނދުނު ޖަނާޒާ ބޭއްވި ށ. ފޮނަދު އަށް އުފަން 45 އަހަރުގެ ޖަމީލާ އަށް އަނިޔާކޮށްފައިވާ ކަމަށް އާއިލާ އިން ތުހުމަތުކޮށްފައިވާތީ އެކަމާ ގުޅޭ ގޮތުން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ އޭނަގެ ހަށިގަނޑުގައި ނިޝާންތަކެއް ހުއްޓަސް އެއީ އަނިޔާގެ ނިޝާންތަކެއް ނޫން ކަމަށެވެ.
ފުލުހުންގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސާމިހު ވިދާޅުވީ އިއްޔެ ރޭ އެންމެ ފަހުން ޖަމީލު ގޮޅިއަށް ވަނީ 9:30 ހާއިރު ކަމަށާއި އޭގެ ފަހުން އެއްވެސް މީހަކު އެ ގޮޅިއަށް ވަދެފައި ނުވާކަން ސީސީޓީވީ ފޫޓޭޖުން ވެސް އެނގޭ ކަމަށެވެ. އަދި އެ އިއްޔެ ހެނދުނު 6:00 ހާއިރު އޮފިސަރުން ގޮޅިތަކަށް އާންމު އުސޫލުން ޒިޔާރާތް ކުރިއިރު ވެސް އެ ގޮޅިއަށް އޮފިސަރުން ވަދެފައި ނުވަނީ އޭނަ އޮތީ ނަމާދުގައި ސަޖިދައިގައި އޮތުމު ކަމަށް ވިދާޅުވި އެވެ.
ސާމިހު ވިދާޅުވީ ގޮޅީގައު ޖަމީލުގެ އެންމެ ފަހުގެ ހަރަކާތް ފެނިފައި ވަނީ އިއްޔެ ހެނދުނު 7:43 ހާއިރެވެ. އަދި އޭގެ ފަހުން އޭނާގެ ހަށިގަނޑުގެ އެއްވެސް ހަރަކާތެއް ނެތުމުން 11:34 ހާއިރު އޮފިސަރުން ގޮޅިއަށް ވަން ކަމަށް ވިދާޅުވި އެވެ.
"އޭރުން ފެށިގެން 11:34 އާ ހަމައަށް އޮފިސަރުން ވަންނަންދެން މުހައްމަދު ޖަމީލު އޮތީ ސަޖިދައިގައި އޮންނަ ގޮތަށް." ސާމިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަށިގަނޑުގައި ހުރި ނިޝާންތަކަކީ ގިނައިރު އެގޮތަށް އޮތުމުގެ ސަބަބުން ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކެއް ކަމަށާއި ހަށިގަނޑުގެ ކުލަ ވެސް ބަދަލުވެފައި ވަނީ އެހާ ގިނައިރު އެގޮތަށް އޮތުމުން ކަމަށެވެ.
ޖަމީލަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.
އޭނަގެ މަރާ ގުޅިގެން ކަރެކްޝަނަލް ސާވިސް އިއްޔެ ބުނީ ނަފުސާނީ ބައްޔަކަށް ވެސް ފަރުވާ ހޯދަމުން ދިޔަ ޖަމީލު ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރް ދީ، އެއްވެސް ބަދަލެއް ނައުމާ ގުޅިގެން މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފެށި ކަމަށެވެ.
އޭގެ ފަހުން ޖަމީމު މަރުވީ ކަމަށް ނިންމީ ހިތް ހުއްޓިގެން ކަމަށެވެ. އެއީ މެންދުރު 12:45 ގަ އެވެ.