ކައުންސިލަރު ހުވާ ކުރުމުގެ ކުރިން ކޯހެއް ހެދުމަށް މަޖުބޫރު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމެއްގައި އޭނަ ވިދާޅުވީ ކައުންސިލަރުންގެ މަސްއޫލިއްޔަތުތައް ގާނޫނުގައިވާ ގޮތަށް އަދާނުކުރާކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ވަރަށް ގިނައިން ލިބޭ ކަމަށެވެ. އެގޮތުން އިންތިހާބުގެ ތެރޭގައި އެކި ވައުދުތައް ވިޔަސް ކައުންސިލަރުންނަށް ބައެއް ފަހަރު މަގާމުގެ މަސްއޫލިއްޔަތު ނޭނގޭ ކަމަށް ޒުލްފާ ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ޕާޓީތަކުގެ ކުލަތައް ދޫކޮށް ގާނޫނީ ގޮތުން ކައުންސިލަރުން މަތިކޮށްފައިވާ ކަންކަން ކުރުމުގެ ރޫހު ބައެއް ކައުންސިލަރުން ނުގެންގުޅޭ ކަމަށެވެ. އެހެންވެ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކައުސިލަރުން އިންތިހާބުވުމަށް ފަހު ހުވާ ކުރުމުގެ ކުރިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ފެންވަރުގެ ކޯހެއްގައި ބައިވެރިކޮށް އެއިން ފާސްވުމުން ނޫނީ މަގާމުގެ ހުވާ ނުކުރެވޭ ގޮތް ހެދުމަށް ޒުލްފާ ވަނީ ކޮމިޓީއަށް ހުށަހަޅުއްވައިފަ އެވެ.
"އަޅުގަނޑުގެ ވިސްނުމަކީ އެމްކިއުއޭ އެކްރެޑިޓެޑް ކޯހެއް ފުރިހަމަކޮށްފައި ނޫނިއްޔާ ހުވާ ކުރުމުގެ މަރުހަލާ ކަނޑައްތު ނުކުރެވޭ ގޮތް ހެދުން." ޒުލްފާ ވިދާޅުވި އެެވެ.
އޭނަ ވިދާޅުވީ މީގެ ސަބަބުން ކައުންސިލަރުކަމަށް އިންތިހާބުވާ މީހުންނަކީ ގާނޫނާ އެއްގޮތަށް އަމަލުކުރާ ބަޔަކަށް ވާނެ ކަމަށެވެ.