ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ހައިބަތާ ޝަރަފްވެރިކަން އިތުރުކޮށް، މުބާރާތް ބޭއްވޭ ފެންވަރު ވަރަށް ބޮޑަށް ރަނގަޅު ކުރައްވާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭ އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ހުސައިން ވިދާޅުވީ، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ރާއްޖޭގައި ޤައުމީ ފެންވަރުގައި ބާއްވާ ކީރިތި ޤުރުއާނުގެ އެންމެ ބޮޑު ދަރުބާރު ކަމަށެވެ. އެހެންކަމުން މި މުބާރާތް ބޭއްވުން އަހަރެއް އަހަރަކަށް ވުރެ ހަރުދަނާކުރަން، ފެންވަރު ރަނގަޅުކުރަން ސަރުކާރުން ބޭނުންވާކަމަށެވެ.
ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް އަމާޒަކީ، އިސްލާމްދީނަށް ލޯބިކުރާ ދިވެހިވަންތަ ޤައުމެއް ބިނާކުރެއްވުންކަމުގައި ފާހަގަކުރައްވައި ނައިބު ރައިސް ވިދާޅުވީ، އިސްލާމީ ކަންކަމަށް ރާއްޖޭގައި ދޭ ސަމާލުކަން މި ވޭތުވި ހަތް މަސްދުވަހުގެ ތެރޭގައި އިތުރުކުރައްވާފައިވާކަމަށެވެ. އެގޮތުން ކީރިތި ޤުރުއާން ކިޔަވާ ޒުވާން ކުދީންނާއި ކުޑަކުދީންނަށް މިސްކިތްތަކުގައި އިމާމުވެ ނަމާދުކޮށް، ރީތިކޮށް ޤުރުއާން ކިޔެވުމުގައި އިތުރަށް ކުރިއަށް ދިއުމުގެ މަގު ހުޅުވައިދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ.
"ޤުރުއާން ކިޔަވައިދޭ އަދި ޤުރުއާން ހިތުދަސްކޮށްދޭ ކުލާސްތައް އިތުރުކޮށް، ޤުރުއާން ހިތުދަސްކުރާ ކުދީންނަށް އިތުރު އިނާޔަތާ އެހީތެރިކަން ދައުލަތުގެ ފަރާތުން ދިނުމަކީ މި ސަރުކާރުގެ އަމާޒެއް" ނައިބު ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ނައިބު ރައީސް ވަނީ ޤުރުއާން ކިޔެވުމަކީ ހަމައެކަނި މުބާރާތަކަށް ތައްޔާރުވުމަށް ކުރާ ކަމެއްގެ ގޮތުގައި ނުދެކި ޤުރުއާން ކިޔެވުމަކީ އަޅުކަމެއްގެ ގޮތުގައި ދެކިގެން އެކަން ކުރެއްވުމަށް ބާރުއަޅުއްވާފައެވެ.