ތިރީސް ހަ ވަނަ ގައުމީ ޤުރުއާން މުބާރާތް 1،029 ބައިވެރިންނާ އެކީ މިއަދު ފަށައިފި އެވެ.
މި އަހަރުގެ މުބާރާތުގައި 119 މުއައްސަސާއަކުން ބައިވެރިވެފައިވެ އެވެ. ގައުމީ ޤުރުއާން މުބާރާތުގެ ބައިވެރިންގެ ތެރޭގައި ހިމެނެނީ 52 ސްކޫލުން 365 ދަރިވަރުންނާއި، ކައުންސިލްތަކުގެ ފަރާތުން ވާދަކުރާ 357 ބައިވެރިންގެ އިތުރުން އެހެނިހެން މުއައްސަސާތަކުގެ 292 ބައިވެރިންނެވެ. މިއަ ހަރުގެ މުބާރާތުގައި ހާފިޒުންގެ ބައިން 15 މީހަކު ވެސް ވާދަކުރެއެވެ.
މުބާރާތުގެ ކިޔެވުން ކުރިއަށް ދާނީ ސަލްމާން މިސްކިތުގެ ދެ ހޯލްގަ އެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން އެ މިސްކިތުގެ ހަތަރު ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައި ކުރިއަށް ގެންދާ އިރު، ނުބަލައި ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށް ދާނީ ސަލްމާން އެ މިސްކިތުގެ ފަސް ވަނަ ފަންގިފިލާގެ މަލްޓިޕަޕަސް ހޯލްގައެވެ.
މި މުބާރާތުގެ ކިޔެވުން ކުރިއަށް ދާނީ ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ.
ކަމަށާއި އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 8:00-12:00 އަށް، ހަވީރު 16:00-06:00 އަށް އަދި ރޭގަނޑު 08:00 އިން 10:30 އަށް މުބާރާތުގެ ކިޔެވުން ކުރިއަށް ދާނެ ކަމަށް ކީރިތު ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ބުންޏެވެ.
އަންނަ މަހުގެ 7 އާ ހަމައަށް މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ 12 ގައި އިސްލާމީ މަރުކަޒުގަ އެވެ.
ގައުމީ ޤުރުއާން މުބާރާތަކީ 1981 އިން ފެށިގެން އިސްލާމިކް މިނިސްޓްރީން ދީނީ ގޮތުން ބާއްވަމުން އަންނަ މުބާރެތެކެވެ.
އެންމެ ފަހުން 2022 ގައި 35 ވަނަ މުބާރާތުގައި 121 މުއައްސަސާއަކުން 1،022 ބައިވެރިން ވާދަކުރި އެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި، ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުމާއި ދަރިވަރުންގެ މެދުގައި ބިނާކުރަނިވި ވާދަވެރިކަން އުފެއްދުމާއި، ޤާރީންނާއި ޙާފިޒުން އުފެއްދުމަށް ބާރުއެޅުމާއި ހިތްވަރު ދިނުމާއެކު ކީރިތި ޤުރްއާނަށާއި މާތް ނަބިއްޔާގެ ސުންނަތަށާއި މާތް ވެގެންވާ އިސްލާމް ދީނަށް ލޯބިކުރާ ހެޔޮލަފާ ޖީލެއް ބިނާ ކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ މުބާރާތަކެވެ.