ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މަގާމުތައް 700 އަށްވުރެ މަދުކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދައުލަތުގެ ދަރަންޏާބެހޭ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ގައުމުގެ ދަރަނިން ސަލާމަތް ކުރާނެ ގޮތާއި ގުޅޭގޮތުން އެމްޑީޕީގެ މެންބަރުން ފިލާވަޅު ނަގައިދޭނެ ކަމެއް ނެތް ކަމަށާއި އެކަމުން ގައުމަށް ލިބޭނީ އިތުރު ގެއްލުމެއް ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. ދައުލަތުގެ ދަރަންޏާބެހޭ ބިލު ފަދަ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅަންޖެހުނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްފަދަ ނާގާބިލު ވެރިއެއް ދެންވެސް ރާއްޖޭގެ ވެރިކަމަށް އައިސްދާނެތީ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ދަރަނީގެ ހާލަތާއި ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން އެ ދަރަންޏަކީ 2013 އިން 2018 އަށް ޕީޕީއެމްގެ ވެރިކަމުގައި ނަގާފައިވާ ދަރަނިކަމަށް ބުނަމުންދާކަން ފާހަގަކޮށް ޝުޖާއު ވަނީ 2018 އިން 2023 އަށް އޮތް އެމްޑީޕީގެ ވެރިކަމުގައި ދަރަނި މެނޭޖް ނުކުރީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. އަދި ޕީޕީއެމްގެ ވެރިކަމުގައި ނެގި ލޯނުން ކުރި ކަންކަން ފެންނަން ހުރި ކަމަށާއި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ނެގި "120 ބިލިއަން ރުފިޔާއިން" ކުރީ ކޮން ކަމެއްތޯވެސް ސުވާލު އުފައްދާފައިވެއެވެ.
ކުރީގެ ރައީސް ސޯލިހްގެ ވެރިކަމުގައި 1400 އަށްވުރެ ގިނަ ސިޔާސީ މަގާމުތައް އުފައްދާފައިވާކަން ފާހަގަކޮށް ޝުޖާއު ވިދާޅުވީ މި ސަރުކާރުގެ ސިޔާސީ މަގާމުގައް 700 އަށްވުރެ މައްޗަށް ނާރާ ކަމަށެވެ.
"ރައީސް މުއިއްޒުގެ ވައުދަކީ [ސިޔާސީ މަގާމުތައް] 700 އަށް ނޭރުވުން، ނާރުވަން. އަރުވާފަ ނޯންނާނެ. [ސިޔާސީ މަގާމުތައް] 700 އަށް ވުރެއް މަދުވާނެ، އެއަށްވުރެވެސް މަދުކުރެވޭތޯ މިއުޅެނީ" ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ކުރީގެ ރައީސް ސޯލިހް ފަދަ ބޭފުޅުން ވެރިކަމަށް އަތުވެދާނެކަމުގެ ބިރު މިއަދު އެބައޮތް ކަމަށެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މަގާމުތައް 700 އަށްވުރެ މަދުވާނެ ކަމަށް ޝުޖާއު ވިދާޅުވިއިރު، މިސަރުކާރުގެ ސިޔާސީ މަގާުތަކުގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މިސަރުކާރުން އެކި މިނިސްޓްރީތަކަށް ގިނަ އަދަދެއްގެ ޑެޕިއުޓީ މިނިސްޓަރުން އަދި ސިޔާސީ މަގާމުތަކަށް ގިނަ ބަޔަކު ނަގާފައިވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔުން އަމާޒުކޮށްފައިވެއެވެ.
ރައީސް މުއިއްޒު މިފަހުން ވަނީ ސިޔާސީ މަގާމުތަކުގެ އަަދަދު މަދު ކުރުމަށްވެސް ނިންމަވާފައެވެ. އެގޮތުން 400 އަށްވުރެ ގިނަ ފަރާތްތަައް މަދު ކުރުމަށް ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.