ބަންގްލަދޭޝް އިން ރާއްޖެ އަށް ޗުއްޓީ އަށް އަންނަ މީހުން އިތުރުވަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ އަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބޭއްވި ހަފުލާގެ ހަވާސާގައި މީޑިއާތަކާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބަންގްލަދޭޝް އިން މިހާރު ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވަމުން ދިއުމަކީ ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.
އެހެންވެ އެ ގައުމުގެ ޓޫރިސްޓުން އިތުރު ކުރުމަށްޓަކައި ހަރަކާތްތަކެއް ހިންގަން ރާވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ބަންގްލަދޭޝް މާކެޓަކީ ވެސް މިހާރު ވަރަށް ބޮޑަށް ޑިވެލޮޕްވަމުން އަންނަ މާކެޓެއް. ކުރިއަށް އޮތް ތާނަގައި އެ ގައުމުގައި ވެސް އެމްއެމްޕީއާރުސީން ޕްރޮމޯޝަނަލް ހަރަކާތްތައް ކުރިއަށް ގެންދާނެ." ފައިސަލް ވިދާޅުވިއެވެ.
ރާއްޖެ އަންނަ ބަންގްލަދޭޝް ޓޫރިސްޓުން އިތުރުވަމުން އަންނަ އިރު، ރާއްޖެ އަކީ އެ ގައުމުގެ މަސައްކަތްތެރިންގެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ގައުމެކެވެ.
ފައިސަލް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރިކޮށް، ޕްރޮމޯޓްކުރަން މި އަހަރު ކުރިއަށް ގެންދަން ރާވާފައި ހުރި ޕްރޮގްރާމްތަކުގެ ތެރެއިން އަންނަ މަހާއި އޮގަސްޓްގައި އިންޑިއާގެ މުމްބާއީ އާއި ނިއު ދިއްލީގެ އިތުރުން ބެންގަލޫރުގައި ހަރަކާތްތަކެއް ހިންގުމަށް ރާވާފައިވާ ކަމަށެވެ.
މި ހަފުތާގައި ވެސް އެމްއެމްޕީއާރްސީން ވަނީ ބެންގަލަރޫގް ރޯޑްޝޯތަކެއް ބާއްވައިފަ އެވެ. އަދި އެކަން ވަރަށް ކާމިޔާބު ކަމަށް އެތަނުން ބުންޏެވެ.
ރާއްޖެ އިން މި އަހަރު 2.3 މިލިއަން ޓޫރިސްޓުން ގެންނަން އަމާޒު ހިފާފައިވާ އިރު، މިނިސްޓަރު ފައިސަލް ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ޓާގެޓަކީ 2.5 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިދިޔަ އަހަރު ރާއްޖެ އައީ 1.8 މިލިއަން ޓޫރިސްޓުންނެވެ.
މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ތިން ގައުމަކީ ޗައިނާ، ރަޝިއާ އަދި އިނގިރޭސިވިލާތެވެ.