ލ. ގަމުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެ ގަމުގެ ގެއެއް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތް ބުލެޓާއި ރަބަރު ކޮތަޅަކާއި 232 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 18، 21، 30 އަދި 35 އަހަރުގެ ދިވެހި ފިރިހެނުންނެވެ. އެ މީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށް ފަހު 18 އަހަރުގެ މީހާ ވަނީ ދޫކޮށްލައިފަ އެވެ. އަދި 21 އަހަރުގެ މީހާ އާއި 30 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް އަދި 35 އަހަރުގެ މީހާ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.
އެ މީހުންގެ މައްސަލަ ގަން ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފުލުހުން އަންނަނީ މި ދުވަސްކޮޅު ފުވައްމުލަކުގައި ވެސް މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގަމުންނެވެ.