މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) ގެ ހަރަދުތައް ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ނިންމިޔަސް މުވައްޒަފުންތަކެއްގފެ ވަޒީފާ ނުގެއްލޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ރާއްޖޭގެ މައި އެއާޕޯޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގަމުން އަންނަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އެޅި ނަމަވެސް އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިނުކުރާނެ ކަމަށެވެ.
އެމްއޭސީއެލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފު ވިދާޅުވީ ކުންފުނި ރީސްޓްރަކްޗަ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އޭގެ ސަބަބުން އެއްވެސް މުވައްޒަފަކަށް ނޭދެވޭ އަސަރެއް ނުކުރާނެކަމުގެ ޔަގީން ދެއްވާ ކަމަށް ވިދާޅުވި އެވެ.
އެގޮތުން މުވައްޒަފުން ވަކި ކުރުމާއި މުސާރަ ކުޑަކުރުން ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ. .
އޭނަ ވިދާޅުވި 10 ވަރަަކަށް ދާއިރާއިން އެމްއޭސީއެލް އިން ހަރަދުކުރުމަށް ހަަމަޖެހިފައިވާ ކަަމަށެވެ. އެގޮތުން ކަރަންޓާއ ފެނާއި ފޯނާއި ކަރުދާހާއި ތެލާއި އިންވެންޓަރީ ހަރަދު އޭގެ ތެރޭގައި ހިމެެނޭ ކަމަށް ޝަރީފު ވިދާޅުވި އެއެވެ.
10 ދާއިރާއަކުން ޚަރަދު ކުޑަކުރާނެ:
⦁ ތެލާއި ކަރަންޓަށް ކުރާ ޚަރަދު: ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހަކަތަ އުފެއްދުމަށް ބޭނުންކުރާ ޖެންސެޓްތައް އައުކޮށް އެފިޝެންސީ އިތުރުކުރުން. މީގެ ސަބަބުން ތެޔޮ ބޭނުންކުރާ މިންވަރުގެ 20 އިންސައްތަ ދަށްކުރެވޭނެ. ކުރިޔަށް އޮތް 15 ދުވަހުގެ ތެރޭގައި ޖެންސެޓްތައް ބޭނުންކުރަން ފެށޭނެ.
⦁ ކޮންސިއުމަބަލްސް ގަންނަން ކުރާ ޚަރަދު: އެމް.އޭ.ސީ.އެލް އަކީ 4000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުންދާ މުވައްސަސާއަކަށް ވީއިރު، ޕްރިންޓިންގ އާއި ސްޓޭޝަނަރީސް ފަދަ ކަންކަންކަމަށް ބޮޑު ހޭދައެއްކުރޭ. މިކަންކަމަށް ކުރާ ޚަރަދު ކުޑަކޮށް ކުރިޔަށް އޮތް 1 އަހަރު ދުވަސްތެރޭ ކުންފުންޏަކީ ޕޭޕަރ-ލެސް ކުންފުންޏަކަށް ހެދުމަށް ވަނީ އަމާޒުހިފާފައި.
⦁ ފެނަށް ކުރާ ޚަރަދު: ފެން އިސްރާފުވުން ކުޑަކޮށް ފެނަށް ކުރެވޭ ޚަރަދު ކުޑަކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުން.
⦁ ދަތުރުފަތުރަށް ކުރާ ޚަރަދު: މުވައްޒަފުންގެ ތަމްރީންތަކަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ ބަދަލުގައި، ޓްރެއިނަރުން ރާއްޖެއަށް ގެނައުން ނުވަތަ އޮންލައިންކޮށް ތަމްރީންތައް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުން. ކޮންމެހެން ކުރަންޖެހޭ ޙާލަތެއްގައި މެނުވީ ބިޒްނަސް ކްލާހުގައި ދަތުރު ނުކުރުން.
⦁ ކުންފުނި ރީސްޓްރަކްޗަ ކުރުން: އެމް.އޭ.ސީ.އެލް އަކީ އެއަރޕޯޓްގެ އިތުރުން މުނިސިޕަލް ޚިދުމަތްތައް ވެސް ދޭ ކުންފުންޏެއް. މިގޮތުން ކުންފުނީގެ މަސައްކަތްތަކުގެ އެފިޝިއަންސީ ބަލައި ކުންފުނި ރީސްޓްރަކްޗަރ ކުރެވިގެންދާނެ.
⦁ މަސައްކަތްތައް އައުޓްސޯސް ކުރުން: އައުޓްސޯސް ކުރުމުން ޚަރަދު ކުޑަކުރެވޭނެ ފަދަ މަސައްކަތްތައް އައުޓްސޯސްކުރުން.
⦁ ބޭންކް ޗަރޖަށް ކުރާ ޚަރަދު: ބޭންކް ޗަރޖަސް ކުޑަކުރުމަށް ބޭންކްތަކާއިއެކު މަޝްވަރާކުރުން.
⦁ ކޮމިއުނިކޭޝަނަށް ކުރާ ޚަރަދު: މިހާރަށް ވުރެ ކޮމިއުނިކޭޝަން ހަރުދަނާކޮށް، ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކޮމިއުނިކޭޝަނަށް ކުރެވޭ ޚަރަދު 60 އިންސައްތަ ކުޑަކުރުން.
⦁ އިންވެންޓްރީއަށް ކުރާ ޚަރަދު: ކޮންމެހެން މުހިންމުނޫން އިވެންޓްރީގަތުން މިވަގުތަށް ހުއްޓާލުން.
⦁ އިވެންޓްތައް ބާއްވަން ކުރާ ޚަރަދު: އިވެންޓްތަކަށް ކުރާ ޚަރަދު 100،000 ރުފިޔާއަށްވުރެ ކުޑަކުރުން.
"ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކުން ދިހައެއް ނުވަތަ ވިހި ޕަސަންޓްއާ ދޭތެރޭ، ޖުމްލަ ގޮތެއްގައި ހަރަދު އިރާދަކުރެއްވިއްޔާ ކުޑަ ކުރެވޭނެ." އޭނަ ވިދާޅުވި އެވެ.