މަސްވެރިންނަށް ދޭން ޖެހޭ ފައިސާ މާދަމާ ދޫކުރަން ފަަށާނެ ކަމަށް މިފްކޯ އިން ބުނެފި އެވެ.
އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިން ކިރުވާފައިވާ މަހަށް މިހާތަނަށް ދައްކަންޖެހިފައިވާ ފައިސާ ދައްކަނީ ސަރުކާރާއި މިފްކޯއާ ގުޅިގެން ކުރެވުނު މަސައްކަތުން ކަމަށެވެ.
މިފްކޯ އިން ބުނީ ބޭރުގެ ބާޒާރުގައި މަސްވިއްކުމަށް ފަހު ލިބޭ އާމްދަނީއަށް ވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަން ޖެހޭ ފައިސާ އާއި މަސް ގަނެ، ޕްރޮސެސްކޮށް، ވިއްކުމަށް ހިނގާ ޚަރަދު ބޮޑުތަނުން އިތުރުވާތީ ކުންފުންޏަށް އިތުރަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފަ އިވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގައި ކަމަށެވެ.
މިފްކޯ އިން ބުނީ މިހާތަނަށް އައިއިރު ސަރުކާރުން 353 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށާއި އެ ކުންފުންޏަށް ލިބޭ އާމްދަނީން މަސްވެރިން ކިރުވާފައިވާ މަހަށް އިތުރު 389 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި ތެލާއި އައިސްއަށް ދީފައިވާ ކުރެޑިޓު ހިމެނޭހެން 831 މިލިއަން ރުފިޔާ މި އަހަރު މިފްކޯ އިން މަސް ދޯނިފަހަރަށް ދޫކޮށްފައިވެ އެވެ.
އެގޮތަށް މާކެޓު އަގަށް ރިއާޔަތް ނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓު ކުރަމުން ދިއުމަކީ މާލީ ގޮތުން ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް ވެސް މިފްކޯ އެ ކުންފުނިން ބުންޏެވެ.
އެހެންވެ އެކަމަށް ހައްލެއް ހޯދައި މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމް ހަމަޖައްސަން މާދަމާ އިން ފެށިގެން މިފްކޯ އިން މަސްވެރިން އަތުން މަސް ގަންނަމުން ދާނީ ބައިނަލްއަގުވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށް މަސް ގަނެ އެކްސްޕޯޓު ކުރުމަށް ހިނގާނެ ހަރަދުތަކަށް ބަލައިގެން ކަމަށް މިފްކޯ ބުންޏެވެ.
އަދި އެގޮތަށް ކަނޑައަޅާ އަގެއް ކޮންމެ ހަފްތާއަކު އެ ކުންފުނިން އާންމުކޮށް އިއުލާން ކުރާނެ ކަމަށް ވެސް އެ މިފްކޯ އިން ބުންޏެވެ.
މިފްކޯ އިން ބުނީ ހަރަދުތައް ކުޑަކުރުމަށް ވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ދާނެ ކަމަށެވެ.
މިފްކޯ އިން މިހާތަނަށް މަސް ގަންނަމުން އައީ ބާޒާރުގައި ވިއްކާ އަގަށް ނުބަލައި ސަރުކާރުން ކަނޑައަޅާ އަގަކަށެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ދުވަސްވަރު އޭރުގެ ސަރުކާރުން ވަނީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު 25ރ. އަށް ބޮޑު ކޮށްފަ އެވެ. މި ސަރުކާރުން އެ އަގު ފަހުން ވަނީ 20ރ. އަށް ކުޑަކޮށްފަ އެވެ. މިފްކޯ އިން ބުނީ އަގު ކުޑަ ކުރުމުން ވެސް މަސްވެރިންނަށް ފައިސާ ދެވެނީ ސަރުކާރުން ބޮޑު ސަބްސިޑީއެއް ދީގެން ކަމަށެވެ.
މިފްކޯ އިން މަސްވެރިންނަށް އަހަރަަކު ގާތްގަނޑަކަށް 400 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަބްސިޑީ އަށް ދެ އެވެ.
ކިރުވި މަހަށް ފައިސާ ލިބިގެން ބައެއް ހިސާބުތަކުގައި އަންނަނީ މުޒާހަރާ ވެސް ކުރަމުންނެވެ. އެގޮތުން އައްޑޫގެ މަސްވެރިން މުޒާހަރާ ކުރާތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، ކުޑަހުވަދޫގެ މަސްވެރިންތަކެއް ވެސް މިދިޔަ ހަފުތާގެ ތެރޭގައި މުޒާހަރާކޮށްފައިވެ އެވެ.