Last Updated: September 8, 06:39
Sunday, September 8, 2024
ރިޕޯޓް

ބަންގި ގޮވާ އަޑު އިވޭ ހެއްޔެވެ؟

ބަންގި އަކީ އިސްލާމް ދީނުގެ ޝިޢާރެކެވެ. ބަންގީގެ ވާހަކަ ފެށިގެން އަންނަނީ ރަސޫލާ ﷺ މަދީނާއަށް ހިޖުރަކުރެއްވި ޒަމާނުން ފެށިގެންނެވެ. ޢަބްދުﷲ ބިން ޒައިދު އަށް ފެނިވަޑައިގަތް ހުވަފެންފުޅާ ގުޅިގެން ރަސޫލާ ﷺ ގެ އަމުރުފުޅަށް އެންމެ ފުރުތަމަ ބަންގި ގޮވާދެއްވީ ބިލާލް އެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް 1400 އެތައް އަހަރެއް ވެގެން ދިޔައިރުވެސް ކޮންމެ ދުވަހަކުމެ މި ދުނިޔޭގައި މިދަނީ ބަންގި ގޮވެމުންނެވެ.

މި ޤަައުމުގެ މިސްކިތްތަކުންވެސް ބަންގި ގޮވާ އަޑައަކީ ކޮންމެ ދުވަހަކުމެ އަޅުގަނޑުމެންނަށް އިވެމުންދާ އަޑެކެވެ. މި ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި އަޅުގަނޑުމެން ހިފާން ޖެހެ އެވެ.

ބަންގިއާއެކު ޝަރުޢުގައި ސުންނަތްތަކެއް ވާރިދުވެގެން އައިސްފައި އެބަ ހުއްޓެވެ. ކޮންމެ ދުވަހަކު ބަންގީގެ އަޑު އަހާލުމުގެ ނިޢުމަތް އަޅުގަނޑުމެންނަށް މާތް ﷲ މިންވަރު ކުރައްވާފައިވާއިރު އެކަމާ ގުުޅުންހުރި ސުންނަތްތައް ހަނދުމަ އާ ކޮއްލުން ކީއްތޯ އެވެ؟

އެންމެ ފުރަތަމަ ކަމަކަށް،))إذا سَمِعْتُمُ النِّداءَ، فَقُولوا مِثْلَ ما يقولُ المُؤَذِّنُ(( }صحيح البخاري ٦١١{ މާނަ: ބަންގީގެ އަޑު އިވިއްޖެނަމަ، މުއައްޛިން(ބަންގި ގޮވާމީހާ) ކިޔާފަދައިން ކިޔާށެވެ. އެހެންކަމުން، ބަންގީގެ އަޑު އިވުމުން ބަންގި ގޮވާމީހާ ގޮވާ ވަރަކުން ތަކުރާރުކުރަމުން ބަންގީގައި ހިމެނޭ ކަލިމަތައް ކިޔާށެވެ. މި ގޮތަށް ކިޔަމުން ދާއިރު حي على الصلاة (ނަމާދަށް އަވަހަށް އަންނާށެވެ!) އަދި حي على الفلاح (ކާމިޔާބު ހޯދުމަށް އަވަސްވެގަންނާށެވެ.) މިހެން ގޮވޭ ހިނދު ކިޔާނީ لَا حَوْلَ وَلَا قُوَّةَ إِلَّا بِٱللَّٰهِ (ނުބައިކަމަކުން ސަލާމަތްވުމުގެ ބާރެއްވެސް އަދި ހެޔޮކަމެއް ކުރުމުގެ ބާރެއްވެސް ﷲ ގެ ޙަޟުރަތުން މެނުވީ ނުވެއެވެ.) މިފަދައިންނެވެ. މިހެން ކިޔުމުގެ ޙިކުމަތެއް ކަމުގައި ޢިލްމުވެރިން ބަޔާންކުރައްވާފައިވަނީ، ނަމާދަށް ދިއުމުގެ ކުޅަދާނަކަމާއި އަދި ކާމިޔާބު ލިބޭނީ ހަމައެކަނި މާތް ﷲ ގެ ހަޟްރަތުން ކަމުގައިވުމެވެ.

ދެވަނަ ކަމަކަށް، އިމާމު މީހާ ޝަހާދަތުގެ ދެކަލިމަކިޔުމުން، أشهدُ أنْ لا إلهَ إلَّا اللهُ وحدَه لا شريكَ له، وأنَّ محمدًا عبدُه ورسولُه، رضيتُ باللهِ ربًّا، وبمحمَّدٍ رسولًا، وبالإسلامِ دِينً މި ޛިކުރު ކިޔުމެވެ.

އެއަށްފަހު، ބަންގި ގޮވާ ނިމުމުން ނަބިއްޔާ G ގެ މައްޗަށް ޞަލަވާތް ކިޔަވާނީއެވެ. إذا سمعتُمُ المؤذِّنَ فقولوا مثلَ ما يقولُ، ثمَّ صلُّوا عليَّ … (صحيح الترمذي ٣٦١٤ ) މާނަ: މުއައްޛިންގެ އަޑު އިވިއްޖެނަމަ، (ބަންގިގޮވާ މީހާ) އެކިޔާ ފަދައިން ކިޔާށެވެ. އެއަށްފަހު، ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔާށެވެ.

އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔުމަށްފަހު ބަންގި ދުޢާ ކިޔާނީއެވެ. اللَّهُمَّ رَبَّ هذِه الدَّعْوَةِ التّامَّةِ، والصَّلاةِ القائِمَةِ آتِ مُحَمَّدًا الوَسِيلَةَ والفَضِيلَةَ، وابْعَثْهُ مَقامًا مَحْمُودًا الذي وعَدْتَهُ މާނަ: އޭ މި ފުރިހަމަ ގޮވާލުމައި، މި ޤާއިމުވާ ނަމާދުގެ ރައްބެވެ! މުޙައްމަދުގެފާނަށް ވަސީލަތާއި މަތިވެރިކަން ދެއްވާނދޭވެ! އަދި އިބަ ﷲ އެކަލޭގެފާނަށް ވަޢުދުކުރެއްވި، ޙަމްދު ލިބިގެންވާ މަޤާމަށް އެކަލޭގެފާނު ފޮނުއްވާނދޭވެ!

ދެން، ހެޔޮ ދުޢާ ކުރާށެވެ. ޙާއްޞަކޮށް ތިބާގެ އަމިއްލަ ނަފްސަށް ދުޢާކުރާށެވެ. ނަބިއްޔާ ﷺ ހަދީޘްކުރައްވާފައިވެއެވެ. ((لا يُرَدُّ الدُّعاءُ بَينَ الأذانِ والإقامةِ)) މާނަ: ބަންގިއާއި ޤަމަތާ ދެމެދު ކުރެވޭ ދުޢާ ރައްދުކުރެވިގެން ނުވެއެވެ.ވީމާ، ބޭނުންޖެހިފައިވާ ހުރިހާ ކަމަކަށް މިވަޤުތުކޮޅުގައި ދުޢާ ކުރުމަށް ހަނދުމަކުރާށެވެ.

ނޯޓް: އިލްމު.އެމްވީ