ގައުމު އިގުތިސާދީ ގޮތުން މިހާރު އޮތް ހާލަތަށް ވެއްޓުމުގެ އަސްލަކީ ބައިނަލްއަގުވާމީ މާލީ ޖަމިއްޔާތަކާއި ބޭންކުތަކުން ރާއްޖެއިން ފައިސާ ޗާޕު ނުކުރަން ހޯހޯ ގޮވަމުން ދަނިކޮށް ކުރީގެ ސަރުކާރުން ފައިސާ ޗާޕުކޮށްގެން ކަންކަން ކުރަން އުޅުމުން ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އައިބީ) ވިދާޅުވެއްޖެ އެވެ.
މިއަދު މަޖިލީހަށް ހުށަަހެޅި ދަރަންޏަށް ޒިންމާވުމުގެ ބިލާ ގުޅޭ ބަހުސްގައި އޭނަ ވިދާޅުވީ އެހެން ސަރުކާރެއް މިއަދު އޮތް ނަމަ މިއަށް ވުރެއް ނުބައިކޮށް ކަންކަން ދުއްވައިލީސް ކަމަށެވެ. ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވާ އައިބީ ވިދާޅުވީ ސްކޫލު ކުދިންގެ ފޮތްތައް ޗާޕު ކުރާ ބީދައިން ފައިސާ ޗާޕުކޮށްގެން ބަހަން ފަސޭހަވާނެ ކަމަށާއި ރާއްޖޭގެ އިންފްލޭޝަން ކިތަންމެ މައްޗަށް ދިޔަސް އަޅާނުލައި ތިބެން ވެސް ފަސޭހަ ވެދާނެ ކަމަށެވެ.
ނަމަވެސް ދަރަނި މެނޭޖުކުރުމަށް ގާނޫނަށް އިސްލާހު ގެންނަން މިއަދު ސަރުކާރުން މަސައްކަތް ކުރަނީ އެހެން ކަންކަން ނުކުރަން ކަމަށް ވިދާޅުވި އެވެ. އައިބީ ވިދާޅުވީ މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން ބިލާ ދެކޮޅަށް ވާހަކަ ދައްކަވަން ވެސް ލަދު ގަންނަން ޖެހޭނެ ކަމަށެވެ.
"އޭރު އަނގަ ހުޅުވާކަށް ނުކެރުނު މިއިން ބޭފުޅަކަށް. އޭރު ނޫންތޯ މިކަހަލަ ބިލުތައް ވައްދައިގެން މިރާއްޖޭގެ ދަރަނި 56 ބިލިއަނުގައި 40 އަހަރު އޮއްވާ،" އޭނަ ވިދާޅުވި އެވެ. "އަޅުގަނޑު ދަންނަވާނީ އެއަށް ވުރެ ވެސް ގިނަ ޒަމާން ވެއްޖެއޭ.
މި ބޭފުޅުންގެ ވެރިކަމުގަ 64 ބިލިއަނަށް ދަރަނި އަރުވައިލީ."
އައިބީ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގައި ފޮތް ޗާޕުކުރާ އުސޫލުން ފައިސާ ޗާޕު ކުރަމުން ދިޔައީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް އައިއެމްއެފް) އާއި ވޯލްޑް ބޭންކު ފަދަ މާލީ އިދާރާތަކުން ރާއްޖެއަށް ދަތުރުކޮށް "ހޯހޯ ގޮވަމުން" ދަނިކޮށް ކަމަށެވެ. އަދި އޭރު އެމްޑީޕީގެ މެޖޯރިޓި އޮތް މަޖިލީހުން ގާނޫނާއި ގަވާއިދަށް ބަދަލު ގެނަސް ބޭނުން ވަރަކަށް ފައިސާ ޗާޕު ކުރަން އޭރުގެ ސަރުކާރަށް ފުރުސަތު ދިން ކަމަށް ވިދާޅުވި އެވެ.
އައިބީ ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިމުނުއިރު ގައުމު އޮތީ ބަނގުރޫޓުކޮށްފައި ކަމަށާއި ރާއްޖެ އަށް ލިބެމުން ދިޔަ ހުރިހާ އާމްދަނީއެއް އޭރު ސަރުކާރުން ދިޔައީ "ކަމުން" ކަމަށެވެ.
"ހުރިހާ ވިޔަފާރިވެރިން ބަނގުރޫޓުކޮށްލައި މުޅި ގައުމު ބަނގުރޫޓުކޮށްލާ، ކުންފުނިތައްވެސް ބަނގުރޫޓުކޮށްލާފަ ދިޔައީ. މިއަދު އަޅުގަނޑުމެން މިއުޅެނީ ކުންފުނިތައް ވެސް ޒިންމާދާރު ކުރުވަން." އޭނަ ވިދާޅުވި އެވެ.