Last Updated: September 8, 09:42
Sunday, September 8, 2024
ޚަބަރު

ސްޕޯޓްސް އެވޯޑް ހަފުލާ އަހަރުގެ ފަހުކޮޅަށް

ފަސްކޮށްފައިވާ މި އަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފުލާ ބާއްވާނީ އަހަރުގެ ފަހުކޮޅު ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ އެވޯޑް ހަފުލާ މި ވަގުތަށް ފަސްކުރަން ނިންމި މައިގަނޑު ސަބަބަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅަޅަން ނިންމެވި ހާއްސަ ފިޔަވަޅުތަކާ ގުޅިގެން ކަމަށެވެ. އެގޮތުން އެވޯޑް ހަފުލާ އަހަރުގެ ފަހުކޮޅު ބާއްވާ ގޮތަށް ފަސްކުރީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ވެސް ކުރުމަށް ފަހު ކަމަށް މިނިސްޓްރީން ބުންޏެވެ.

ނަމަވެސް އެވޯޑް ހަފުލާ ބާއްވާނެ ސީދާ ވަކި ތާރީހެއް އަދި ނުނިންމަ އެވެ.

ސްޕޯޓްސް އެވޯޑް ހަފުލާ ފަސްކުރި އިރު، އެކި ކުޅިވަރުތަކުން އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ނޮމިނޭޝަންތައް ވެސް އިއުލާންކޮށްފައިވެ އެވެ.

އެވޯޑް ހަފުލާ ބާއްވާ ފުރަތަމަ އޮތީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭގަ އެވެ. ނަމަވެސް ފަހުން މި މަހުގެ 4 އަށް ފަސްކުރިކަން އިއުލާން ކުރުމަށް ފަހު، މުއްދަތެއް ނެތް ގޮތަށް ހަފުލާ ފަސްކުރިކަން އިއުލާންކުރީ ހުކުރު ދުވަހު އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑް ދޭން ފެށީ 2022 ގަ އެވެ.