ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމްއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާ ސަބަބެއްގެ ގޮތުން ބުނެފައިވަނީ، މިހާރު އަމަލުކުރަމުން އަންނަ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ބަދަލުގައި، އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭނެ ފިސްކަލް ހަމަތަކާގުޅޭ އާ ނިޒާމެއް ތައާރަފުކޮށް، ދައުލަތުގެ ފިސްކަލް އެންމެހައި ކަންކަން ހިންގަނީ ފިސްކަލް ޑިސިޕްލިން ހާސިލުކުރެވޭނެ ފަދައިން ދެމެހެއްޓެނެވި، ދެފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރުމުގެ ގޮތުން، ދައުލަތުގެ ފިސްކަލް ކަންކަމާގުޅޭ ހަމަތަކާއި އަމާޒުތަކާއި އުސޫލުތައް ބަޔާންކުރުން ކަމަށެވެ.
މި ބިލުގައި ބުނެފައިވާގޮތުން ކޮންމެ ރިޔާސީ ދައުރެއް ފެށޭތާ ހަ މަސްދުވަސް ހަމަވުމުގެ ކުރިން، އެ ރިޔާސީ ދައުރުގެ ފަސް އަހަރު ދުވަހުގެ މުއްދަތަށް އަމަލުކުރަންޖެހޭ ފިސްކަލް ޒިންމާގެ ޗާޓަރެއް، މި ޤާނޫނާ އެއްކޮށްވާގޮތުގެ މަތިން އެކުލަވާލަންވާނެ ކަމަށެވެ.
މީގެއިތުރުން މި ބިލުގައި ވަނީ ދައުލަތުގެ މަރުކަޒީ ބޭންކުން ސަރުކާރުން ދަރަންޏަށް ފައިސާ ނަގަންވާނީ، ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށް އަދި ގިނަވެގެން 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރާ ގޮތަށް އެޑްވާންސްއެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ފައިސާ ނެގޭނީ ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމުލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީ 2.5% އަށްވުރެ އިތުރު ނުވާނެ ގޮތެއްގެ މަތިންކަމަށެވެ.