Last Updated: November 28, 17:45
Thursday, November 28, 2024
މުނިފޫހިފިލުވުން

"އިންސައިޑް އައުޓް 2" ބިލިއަން ޑޮލަރު ހުރަސްކޮށްފި

މިދިޔަ މަހު ރިލިޒްކުރި ޑިސްނީގެ އެނިމޭޓެޑް ފިލްމު "އިންސައިޑް އައުޓް 2" ގެ އާމްދަނީ ބިލިއަން ޑޮލަރު ހުރަސްކޮށްފި އެވެ.

މި މަހުގެ 14 ގައި ރިލީޒްކުރި ފިލްމަށް ދުނިޔޭގެ އެކި ހިސާބުތަކުން ލިބުނު އާމްދަނީ މިހާރު ވަނީ 1.015 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. ރިލީޒްކުރި ފަހުން ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ފިލްމަށް ލިބެމުން އަންނާތީ ކުރިން ވެސް ލަފާކުރެވިފައި އޮތީ "އިންސައިޑް އައުޓް 2" މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމަށް ވާނެ ކަމަށެވެ.

މި ފިލްމަށް މިހާތަނަށް އުތުރު އެމެރިކާ އިން އެކަނި ވެސް 545.5 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ބޮކްސް އޮފީހުގައި ފިލްމަށް މި ލިބުނު ކުރިއެރުމާ އެކީ މި ފިލްމު ވެފައި މި ވަނީ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި މި އަހަރުގެ ފުރަތަމަ ފިލްމަށެވެ. އަދި އެ ވަރުގެ އާމްދަނީއެއް ހުުރަސްކުރި 11 ވަނަ ފިލްމެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ އެ 11 ފިލްމުގެ ތެރެއިން 8 ފިލްމަކީ ޑިސްނީގެ ފިލްމުތައް ކަމެވެ.

ކެލްސީ މަން ޑައިރެކްޓްކުރި "އިންސައިޑް އައުޓް 2" ހަދާފައި ވަނީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.

މި ފިލްމަކީ 2015 ގައި ރިލީޒްކުރި "އިންސައިޑް އައުޓް" ގެ ސިކްއެލް އެވެ. ޕީޓް ޑޮކްޓާ ޑައިރެކްޓްކުރި އެ ފިލްމު ހެދީ 175 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. އަދި ފިލްމަށް ބޮކްސް އޮފީހުގައި ލިބިފައި ވަނީ 724.4 މިލިއަން ޑޮލަރެވެ.