މާލޭ ޓޭބަލް ޓެނިސް ހޯލު މަރާމާތުތަކަކަށް ފަހު އަލުން ހުޅުވައިފި އެވެ.
އެތަން އަލުން އިއްޔެ ހުޅުވައި ދެއްވީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ތޮލާލެވެ. އެ ރަސްމިއްޔާތުގައި ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު ވެސް ބައިވެރިވަޑައިގެންނެވި އެވެ. އޭނަ ވަނީ ހޯލު މަރާމާތުކޮށް ދޭން ސަރުކާރުން ކޮށްދިން މަސައްކަތްތައް ފާހަގަކޮށް، މިއީ ޓީޓީ އާއިލާ އަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވެފަ އެވެ.
މިކަމާ ބެހޭ ގޮތުން ސްޕޯޓްސް މިނިސްޓްރީން ބުނީ ގިނަ މަރާމާތުތަކެއް ބޭނުންވެފައި އޮތް ޓޭބަލް ޓެނިސް ހޯލު މަރާމާތުކޮށް އަލުން ހުޅުވި އިރު، އެތަނުގެ ފްލޯރިން ރަނގަޅުކޮށް، ފުރާޅާއި އޭސީތަކުގެ ހާލަތު ވެސް ރަނގަޅުކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ މި ވަގުތު ރާއްޖޭގެ ކުޅިވަރު ކުޅޭ ތަންތަނުގެ އާބާތުރަ ފިލުވައި އެ ތަންތަން ބޭނުންކުރެވޭ ފެންވަރަށް ގެނައުމަކީ ސަރުކާރުގެ ކުޅިވަރު ވައުދުތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ވައުދެއް ކަމަށެވެ.
އެގޮތުން މި އަހަރުގެ ފެބްރުއަރީގައި އައްޑޫގައި ބޭއްވި އިންޓަ-ސްކޫލް އެތުލެޓިކްސް މުބާރާތަށް އައްޑޫ ސްޓޭޑިއަމްގައި ވެސް ބޮޑެތި މަރާމާތުތަކެއްކޮށްފައިވެ އެވެ.