ޝަރުޢީ ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންނަށް އަމާޒުކޮށްގެން ބާއްވާ ފުރަތަމަ ކޮންފަރެންސް "ކަފި 2024" އިއްޔެ އއ. އުކުޅަހުގައި ފަށައިފި އެވެ.
އެ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ އުއްތަމަފަނޑިޔާރު މުހުތަސިމް އަދުނާނެވެ.
އޭނަ ދެއްކެވި ވާހަކައިގައި ޢަދުލު އިންސާފު ޤާއިމްކުރުމަކީ ފަނޑިޔާރުންނާއި އިދާރީ މުވައްޒަފުންގެ މަސައްކަތެއް ކަމާއި، އިދާރީ މުވައްޒަފުންގެ އެހީތެރިކަމާއި ނުލައި، ޢަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތް ފަނޑިޔާރުންނަށް އެންމެ ފުރިހަމަކޮށް ކުރިއަށް ނުގެންދެވޭނެކަން ފާހަގަ ކުރެއްވި އެވެ.
އެހެންވެ ކޯޓްތަކުގެ އިދާރީ މުވައްޒަފުންނަށް ހާއްސަކޮށްގެން އަލަށް ކޮންފަރެންސެއް ބެއްވުމަކީ ވަރަށް ވެސް ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވި އެވެ. އުއްތަމަފަނޑިޔާރު ވަނީ ޝަރުޢީ ދާއިރާއަށް އަލަށް ތަޢާރަފުކުރި "ޖުޑީޝަރީ ގެޒެޓް" ވެސް އިފުތިތާހުކޮށް ދެއްވައިފަ އެވެ.
"ކަފި 2024" ކުރިއަށް ދާނީ މިއަދުގެ ނިޔަލަށެވެ.
މި ކޮންފަރެންސްގެ ބޭނުމަކީ ކޯޓްތަކުގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް، ހައްލުތައް ހޯދަން މަސައްކަތްތަކެއް ކުރަން މަގުފަހިކުރުމެވެ.