Last Updated: July 5, 20:48
Friday, July 5, 2024
ޚަބަރު

ފިސްކަލް ޒިންމާގެ ބިލުން އެނގެނީ ސަރުކާރުގެ އިހުލާސްތެރިކަން

މެންބަރު މުހައްމަދު އައްބާސް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު މަޖިލީހަށް ހުށަހެޅުމުން އެނގެނީ ސަރުކާރުގެ އިހުލާސްތެރިކަން ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލަށް ބަހުސް ކުރުމަށް ލިބުނު ވަގުތުގައި ވާހަކަ ދައްކަވަމުން މެންބަރު އައްބާސް ވިދާޅުވީ ސަރުކާރަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި މިފަދަ ބިލެއް ހުށަހެޅުމުގެ އެނގިގެންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިޔަތް ރަނގަޅުކަން ކަމަށެވެ.

މިކަމުން އެނގިގެންދަނީ ރައީސް މުއިއްޒު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވަން ބޭނުންވެލައްވާ މިންވަރު ކަމަށްވެސް އައްބާސް ވިދާޅުވިއވެެ. ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލަކީ ދައުލަތުގެ އެކި މުއައްސަސާތަކުން އަދި އިދާރާތަކުން ކުރަމުންދާ ބޭކާރު ހަރަދުތައް ނިމުމަކަށް ގެނައުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން އައްބާސް ވިދާޅުވީ އަތޮޅުކައުންސިލްތަކާއި ބައެއް ކައުންސިލްތަކުން އެ ފަރާތްތަކަށް ލިބޭ ބްލޮކް ގްރާޓް "ކުޅި މަޖަލަށް" ބޭކާރު ކަންކަމަށް އިސްރާފު ކުރަމުންދާ ކަމަށެވެ. އަދި ބިލުން އެކަމަށްވެސް ނިމުމެއް އަންނާނެ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމްއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާ ސަބަބެއްގެ ގޮތުން ބުނެފައިވަނީ، މިހާރު އަމަލުކުރަމުން އަންނަ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ބަދަލުގައި، އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭނެ ފިސްކަލް ހަމަތަކާގުޅޭ އާ ނިޒާމެއް ތައާރަފުކޮށް، ދައުލަތުގެ ފިސްކަލް އެންމެހައި ކަންކަން ހިންގަނީ ފިސްކަލް ޑިސިޕްލިން ހާސިލުކުރެވޭނެ ފަދައިން ދެމެހެއްޓެނެވި، ދެފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރުމުގެ ގޮތުން، ދައުލަތުގެ ފިސްކަލް ކަންކަމާގުޅޭ ހަމަތަކާއި އަމާޒުތަކާއި އުސޫލުތައް ބަޔާންކުރުން ކަމަށެވެ.