Last Updated: July 5, 20:48
Friday, July 5, 2024
ދުނިޔެ

މިޔަރުގެ ހަމަލާއެއްގައި ހާލު ސީރިއަސް

އެމެރިކާގެ ފްލޮރިޑާގައި މިޔަރަކު ދިން ހަމަލާއެއްގައި މީހަކަށް ލިބުނު ސީރިއަސް ގެއްލުންތަކަކާ ގުޅިގެން ފަރުވާ ދޭން ފަށައިފި އެވެ.

ހުކުރު ދުވަހު ފްލޮރިޑާގެ އިރުމަތީ ސަރަހައްދުގައި ހިނގި ހާދިސާއާ ބެހޭ ގޮތުން އެތަނުގެ ނަސޯ ކައުންޓީ ޝެރިފް އޮފީހުގެ މެރިޓައިމް ޔުނިޓުން ބުނީ މިޔަރު ހަމަލާ ދިން މީހާ ފެނުނީ ބޯޓެއްގެ ތެރޭގައި ވަރަށް ބޮޑަށް ޒަހަމްވެފައި އޮއްވައި ކަމަށެވެ. އަދި އެ މީހާގެ އަތަށް ބޮޑެތި ގެއްލުންތަމެއްވެފައިވާ އިރު، ވަރަށް ގިނަ އަދަދަކަށް ލޭ ވެސް ފައިބާފައިވާ ކަމަށް ބުންޏެވެ.

އޭނަ އަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ މެރިޓައިމް ޔުނިޓުން ބުންޏެވެ.

މިދިޔަ މަހުގެ ތެރޭގައި އެކަނި ވެސް ފްލޮރިޑާގައި ތިން މީހަކަށް މިޔަރު ހަމަލާދިން ހާދިސާތަކެއް ހިނގާފައިވެ އެވެ.

އެމެރިކާ އަކީ މިފަދަ ހާދިސާތައް އެންމެ ގިނަ ގައުމެވެ. އެހެންވެ އެ ގައުމުގެ އާންމުން މޫދަށް އެރުމުގައި މިޔަރުތަކަށް ސަމާލުވާން ކަމާބެހޭ ފަރާތްތަކުން އަބަދު ވެސް ހަނދާންކޮށް ދެމުން ދެ އެވެ. އަދި އެފަދަ ނޯޓިސްތައް ވެސް އާންމު ގިނަ ބީޗްަކުގައި ބަހައްޓާފައި ހުރެ އެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެމެރިކާގެ ސާފިން ލެޖެންޑް ޓަމާޔޯ ޕެރީ، 49، ވަނީ ހަވާއީގައި ރާޅާ އަޅަން އުޅެނިކޮޮށް މިޔަރުތަކެއް ދިން ހަމަލާއެއްގައި މަރުވެފަ އެވެ.