Last Updated: January 13, 22:57
Monday, January 13, 2025
ޚަބަރު

ޕްރިޒަން އޮފިސަރަކަށް ހަމަލާ ދޭން އުޅުނު ބަޔަކު ހައްޔަރަށް

ހުޅުމާލެ ޕްރިޒަންގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރަކަށް ހަމަލާދޭން މަސައްކަތްކުރި މައްސަލައިގައި 2 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ، ހުޅުމާލެ ޕްރިޒަންގައި މަސައްކަތްކުރާ އޮފިސަރަކު ސައިކަލުގައި ދުއްވާފައިދަނިކޮށް، އޭނާގެ ފަހަތުން އައި ސައިކަލެއްގައި ތިބި ދެމީހުންގެ ތެރެއިން ސައިކަލު ފަހަތުގައި އިން މީހާގެ އަތުގައި އޮތް މަރުތޭލަކުން ޕްރިޒަން އޮފިސަރުގެ ބޮލުގައި ޖަހައި މާރާމާރީ ހިންގަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ އަހްމަދު އިޔާޒް، ރ. އިނގުރައިދޫ / މިރިހިމާގެ އާއި އުމުރުން 26 އަހަރުގެ އަހުމަދު ރަބީއު، ގއ. މާމެންދޫ / ގްލޭނޫރަންމާގެއެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވަނީ 2024 ޖޫން 11 ވަނަ ދުވަހުއެވެ. މިމައްސަލަ ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ހާދިސާ ހިނގި ސަރަހައްދުގައި ހުރި ޕޮލިސް ކެމެރާ ފުޓޭޖްތަކާއި އިތުރު ކެމެރާ ފުޓޭޖްތައް ނަގައި ބެލިއިރު ހުޅުމާލެ ޕްރިޒަން ސަރަހައްދުގައި ސައިކަލެއްގައި ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ހުޅުމާލެ ޕްރިޒަންއިން ނުކުންނަ މުވައްޒަފުންނަށް ފާރަލަމުން ދިޔަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ޕްރިޒަން އޮފިސަރަށް ހަމަލާ ދޭން މަސައްކަތްކޮށްފައިވަނީ ވީޑިއޯ ފުޓޭޖްތަކުން ފެންނަ ދެ މީހުން ކަން ފުލުހުންގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ތެރެއިން އަހުމަދު އިޔާޒް ހައްޔަރުކޮށްފައިވަނީ ފިލައިގެން ގޮސް ހއ. ބާރަށުގައި ހުއްޓާ 2024 ޖޫން 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އަދި އަހްމަދު ރަބީއު ހައްޔަރުކޮށްފައިވަނީ މާލޭގެ ގެސްޓް ހައުސްއެއްގައި ފިލައިގެން އުޅެނިކޮށް، 2024 ޖޫން މަހުގެ 20 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިހާދިސާގައި ޕްރިޒަން އޮފިސަރަށް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.