Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

މާލެ ސަރަހައްދުގައި ފްލޫ ކްލިނިކްތަކެއް ހުޅުވައިފި

މާލެ ސަރަޙައްދުގެ ބައެއް ތަންތަނުގައި ފްލޫ ކްލިނިކްތަކެއް ހުޅުވައިފި އެވެ.

އެ ކްލިނިކްތައް ހުޅުވާފައި ވަނީ އައިޖީއެމްއެޗާއި ހުޅުމާލެ އަދި ވިލިމާލޭ ހޮސްޕިޓަލްގަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ފްލޫ ކްލިނިކްތަކުގެ ބޭނުމަކީ ހައްޖާޖީން އެނބުރި އަންނަމުންދާ ދުވަސްވަރަކަށްވާތީ، އާންމު ޞިއްޙަތު ރައްކާތެރި ކުރުމަށް ކަމަށެވެ. އަދި އެ ފަރާތްތަކަށް ޚާއްޞަކޮށްގެން ހުމާއި ރޯގާގެ އަލާމާތްތައް ހުންނަ މީހުންނަށް ފަސޭހައިން ރައްކާތެރިކަމައި އެކު އެކަށީގެންވާ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމާއި އާއްމުންގެ ތެރޭގައި ހުމާއި ރޯގާ ފެތުރުން ކޮންޓްރޯލްކޮށް ރައްކާތެރިވުމަށް އަޅާފިޔަވަޅެއްގެ ގޮތުގައި ކަމަށް ވެސް ބުންޏެވެ.

ހުމާއި ކެއްސުން އަދި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް ފެތުރުން ކޮންޓްރޯލްކޮށް މެނޭޖްކުރުމަށް ޚާއްޞަ ކްލިނިކްތައް ޤާއިމްކޮށްފައި މި ވަނީ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގަ އެވެ. އެ ބަލިތަކުން އާންމުން ރައްކާތެރިކޮށް، ފަރުވާގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ބަލިމީހުންގެ އަދަދު އިތުރުވަމުންދާނަމަ އެހެނިހެން ސަރަޙައްދުތަކާއި އަތޮޅުތަކުން މި ޚިދުމަތް ދިނުމަށް ޞިއްޙީ ދާއިރާ އޮތީ ތައްޔާުރަށް ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެހެންވެ ބަލިތައް ފެތުރުން ވީހާ ވެސް ބޮޑަށް ހުއްޓުވުމަށް ޙައްޖުން އެނބުރި އަންނަ އެއްވެސް ޙައްޖާޖީއެއްގެ ފަރާތުން ބައްޔެއްގެ އަލާމާތްތައް ފެނިއްޖެ ނަމަ ކްލިނިކްތަކުގެ ބޭނުން ހިފުމަށް މި މިނިސްޓްރީން އިލްތިމާސްކޮށްފައިވެ އެވެ.