ކ. މާފުށީ ޖަލަށް ތަކެތި ވައްދާ މައްސަލައިގައި ފަށާފައިވާ ބޮޑު އޮޕަރޭޝަން ކުރިއަށްދާ ގޮތް ހޯމްލޭންޑް މިނިސްޓަރު މިއަދު ޖަލަށް ވަޑައިގެން ބައްލަވާލައްވައިފި އެވެ.
މި އޮޕަރޭޝަނަކީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން ބައިވެރިވާ ކަމަށް ތުހުމަތުކުރެވިގެން ފަށާފައިވާ އޮޕަރޭޝަނެކެވެ. އެގޮތުން އޮޕަރޭޝަންގައި ކަރެކްޝަންސާ އެކީ ފުލުހުންނާއި ސިފައިން ވެސް ހިމެނޭ ގޮތަށް ޖުމްލަ 304 އޮފިސަރުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި 183 ފުލުހަކާއި 81 ސިފައިންގެ އިތުރުން ކަރެކްޝަންގެ 40 އޮފިސަރަކު ހިމެނެ އެވެ.
މި ޓީމުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިއަދު ވެސް ގިނަ އަދަދެއްގެ މޮބައިލް ފޯނު ޖަލުން ހޯދާފައިވެ އެވެ.
ގައިދިންނާއި އެ މީހުންނާ ގުޅުން ހުރ ފަރާތްތަކުގެ އަތުން ރިޝްވަތު ނަގައިގެން ޖަލަށް ތަކެތި ވައްދާ މައްސަލައިގައި 13 ކަރެކްޝަންސްގެ 13 އޮފިސަރަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް ވަނީ މުއްދަތު ވެސް ޖަހައިފަ އެވެ. އެގޮތުން ޝަރީއަތް ނިމެންދެން 11 އޮފިސަރަކު ބަންދުކޮށްފައިވާ އިރު، އަނެއް ދެ މީހުންގެ ބަންދަށް ޖެހީ ފަސް ދުވަހެވެ.
އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުޅުވެފައި ވަނީ އިންޓެލިޖެންސް ބޭނުންކޮށްގެން ހޯދި މައުލޫމާތުން 18 އޮފިސަރެއްގެ އެކައުންޓުތަކަށް އާދަޔާޚިލާފަށް ފައިސާ ވެސް ޖަމާވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އެ އޮފިސަރުންގެ އެކައުންޓުތަކަށް ޖުމްލަ 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި މި ފައިސާ ޖަމާވެފައި ވަނީ ގައިދީންގެ އެކައުންޓުތަކާުންނާއި ކުށުގެ ވެށީގައި ފާހަގަކުރެވޭ މީހުންގެ އެކައުންޓުތަކުންނެވެ.
މިނިސްޓަރު އިޙްސާން ވިދާޅުވީ ދައުލަތުގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ މަގާމެއްގައި ތިބި ބަޔަކު ރިޝްވަތު ހިފުމަކީ ވަރަށް ބޮޑު ކުށެއް ކަމަށާއި ރިޝްވަތު ހުށަހެޅި މީހުންނާއި އޭގައި ހިފި މީހުންނާ މެދު ޤާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.