ސާނަވީ ގްރޭޑްތަކަށް އިނގިރޭސި މަސް މާއްދާ ކިޔަވައިދޭ ޓީޗަރުންނަށް ހާއްސަކޮށްގެން ތަމްރީނުތަކެއް ފަށައިފި އެވެ.
ދެބުރަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ތަމްރީނުގެ ފުރަތަމަ ބުރުގައި 55 ޓީޗަރަކު ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައިވެ އެވެ. ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ޓްރެއިނިން އޮފް ޓްރެއިނާސް (ޓީއޯޓީ) ޕްރޮގްރާމްގެ ފުރަތަމަ ބުރު ކުރިއަށް ގެންދިޔައީ މިދިޔަ މަހުގެ 23-27 އަށެވެ.
އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) ގެ އެހީގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ، އިނގިރޭސި މާއްދާ ކިޔަވައިދޭ މުދައްރިސުންގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި 5 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ ޚާއްޞަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ނިމޭއިރު ސާނަވީ ގްރޭޑްތަކަށް އިނގިރޭސި މާއްދާ ކިޔަވައިދޭ ޓީޗަރުންންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް 113 ޓީއޯޓީން ތަމްރީނު ކުރެވިގެން ދާނެ އެވެ.
ތަމްރީނު ޕްރޮގުރާމް ގެ ބައިވެރިންނަށް ފުރަތަމަ ބުރުގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވީ، އެޑިޔުކޭޝަން ކޮންސަލްޓެންޓް މަރިޔަމް ތައުފީޤާ އާއި ޓްރެއިނިން އެކްސްޕާޓް ފަސީލާ ޝަކީބެވެ.
މި ތަމްރީނުގެ ދެވަނަ ބުރު ފެށީ މަހު 29 ގަ އެވެ. މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ބުރުގައި 58 ޓީޗަރުން ބައިވެރިވެ އެވެ.