Last Updated: November 25, 13:27
Monday, November 25, 2024
ޚަބަރު

ސަމޯއާ އެގްރިމަންޓްގައި ރާއްޖެ އިން ސޮއިކޮށްފި

ރާއްޖެ އިން ސަމޯއާ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކާއި އޯގަނައިޒޭޝަން އޮފް ދަ އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީ.ޕީއެސް.) ގެ މެމްބަރު ގައުމުތަކުގެ މެދުގައި އެކުލަވާލައިފައިވާ "ޕާޓްނަޝިޕް އެގްރީމަންޓް ބިޓްވީން ދަ ޔޫރަޕިއަން ޔޫނިއަން އެންޑް އިޓްސް މެމްބަރ ސްޓޭޓްސް އޮފް ދަ ވަން ޕާޓް އެންޑް މެމްބަރސް އޮފް ދަ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް އޮފް ދަ އަދަ ޕާޓް" ނުވަތަ "ސަމޯއާ އެގްރީމަންޓް" ގައި ސޮއިކުރީ އިއްޔެ އެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނަ އޯ.އޭ.ސީ.ޕީ.އެސް.ގެ އޮފީހުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކިންގްޑަމް އޮފް ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޤީލާ ޢަލީ އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމުން، ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އަށް ފުށުއަރާ މާއްދާތަކަށް "ޑެކްލަރޭޝަން" އާއި "ރެޒަވޭޝަން" ވެސް ވަނީ ހުށަހަޅައިފައެވެ.

މި "ޕާޓްނާޝިޕް އެގްރީމަންޓް" އަކީ ރާއްޖޭން ޔޫރަޕިއަން ޔޫނިއަން އާއެކު ސޮއިކުރި މިފަދަ އެންމެ ފުރަތަމަ އެއްބަސްވުމެވެ. މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އިޤްތިޞާދީ، ދެމެހެއްޓެނިވި ތަރައްޤީ އަދި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ އެވެ.

އޯއޭސީޕީއެސްގެ މެމްބަރު ޤައުމުތަކަށް އީ.ޔޫ. ގެ ތެރެއިން ލިބޭ ލުއި ފަސޭހަ އިންތިޒާމްތައް ރާއްޖެއަށް ލިބުމަށް ވެސް މަގުފަހިވެގެން ދާނެ އެވެ.

"ސަމޯއާ އެގްރީމަންޓް" ގެ ނަމުން އާންމުކޮށް ނަން ދީފައިވާ މި އެއްބަސްވުމަކީ ކުރިއަށް އޮތް ވިހި އަހަރަށް ޔޫރަޕިއަން ޔޫނިއަން އާއި އޯއޭސީޕީއެސްއާ ދެމެދު އޮންނަ ގުޅުމުގެ މައިގަނޑު ހަ ދާއިރާއަކަށް ބިނާވެފައިވާ ޤާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެއްބަސްވުމެކެވެ.

އެ ހަ ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތް، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީއެވެ. މި އެއްބަސްވުމަކީ އޯއޭސީޕީއެސްގެ 79 ޤައުމު އަދި ޔޫރަޕިއަން ޔޫނިއަންގެ 27 މެމްބަރު ޤައުމު ހިމެނޭ ގޮތަށް އެކުލަވާލައިފައިވާ އެއްބަސްވުމެކެވެ.

އޯއޭސީޕީއެސް އަކީ،1975 ގައި ސޮއިކޮށްފައިވާ "ޖޯޖްޓައުން އެގްރީމެންޓް" ގެ ދަށުން އެފްރިކާ، ކެރީބިއަން އަދި ޕެސިފިކްގެ ޤައުމުތަކުގެ މެދުގައި އުފައްދާފައިވާ ޖަމިއޔާއެކެވެ. ހިރާއްޖެ އޯއޭސީޕީއެސްގެ ފުރިހަމަ މެމްބަރު ޤައުމަކަށްވީ ޑިސެމްބަރު 9، 2022 ގަ އެވެ.