ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައާ އިނާޔަތް ކުޑަކުރަން ނުފެންނަ ކަމަށް މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ އަދަދު މަދު ކުރުމާ ގުޅޭ ގަރާރަށް ބަހުސް ކުރައްވަމުން ޤާސިމް ވިދާޅުވީ މަޖިލީހުގެ މެންބަަރުންގެ އަދަދު އިތުރުވަމުންދާގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.
ޤާސިމް ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރަން ނުފެންނަ ކަމަށާއި މެންބަރުންނަށް ލިބޭ އިނާޔަތްތަކުން ކަންކަން ހަމަނުޖެއްސޭ ކަމަށެވެ.
"އަދި ހަމައެހެންމެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރައިގެ އަދަދު އަދި އިނާޔަތްތައް ކުޑަކުރަން ނުފެންނަ ކަމަށް އަޅުގަނޑު ދަންނަވަން." ޤާސިމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޮވިވަޑައިގެން މަޖިލީހަށް ވަޑައިގަންނަވާ ބޭފުޅުންކަން ފާހަގަކޮށް ޤާސިމް ވިދާޅުވީ 20،000 އެލަވަންސަކުން ކަންކަން ހަމަނުޖެއްސޭކަން އެނގޭ ކަމަށެވެ.
މީގެއިތުރުން ޤާސިމް ވިދާޅުވީ ފެޑަރަލް ދައުލަތްތައް ހިނގާގޮތާއި ރާއްޖެފަދަ ޔުނިޓަރީ ދައުލަތެއް ހިނގާގޮތް ތަފާތު ކަމަށާއި އެފަދަ ގައުމުތަކާ ރާއްޖެއާ ވަރަށް ތަފާތު ކަމަށެވެ.
"ރައްޔިތުންގެ މަޖިލިސް މެންބަރުންނަކީ އެހެން އެއްވެސް ސިފައެއްގައި ހައްގުގޮތުގައި އަތަށް ލާރިއެއް ލިބޭނެ ގޮތަށް އޮތް ބައެއް ނޫން،" ޤާސިމް ވިދާޅުވިއެވެ.
ޤާސިމްގެ އިތުރުންމިއަދުގެ ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުވެސް ވަނީ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކަން ފާހަގަކުރައްވާ ވާހަކަ ދައްކަވާފައެވެ.
މަޖިލީހުގެ މެންބަރުންނަށް އަސާސީ މުސާރައިގެ ގޮތުގައި 42،500 ރުފިޔާ، ލިވިން އެލަވެންސްގެ ގޮތުގައި 20،000 ރުފިޔާ އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާ ލިބެއެވެ.