މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު މަދުކުރަން އިދިކޮޅު ފަރާތްތަކުން ގޮވާތީ މަރަދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ނުރުހުން ފާޅު ކުރައްވައިފި އެވެ.
ސަރުކާރު ހިންގާ، ޕީއެންސީ އަށް ނިސްބަތްވާ މަވޯޓާ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ވެސް ތިބެނީ ދިވެހި އާއިލާތަކަށް ނިސްބަތްވާ ދިވެހިން ކަމަށެވެ.
"ކަމެއް ކިރިޔާ ވާ އިރަށް ހަމައެކަނި އެ މީހުން ވަޒީފާ އިން ވަކިކޮށް، މަގުމަތިކުރަން މަސައްކަތްކުރާ އެކްޓިވިސްޓުންތަކެއް އުޅޭކަމީ ދެރަކަމެއް." އޭނަ ވިދާޅުވި އެވެ.
މަވޯޓާ ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ނޫނަސް ދައުލަތުން މުސާރަ އެކި ސިފަސިފައިގައި ދޭ އެތައް ހާސް ބަޔަކު އެބަތިބި ކަމަށެވެ. އެހެންވެ ހަމައެކަނި ސިޔާސީ މަގާމުތައް މަދުކުރަން ގޮވުން ރަނގަޅު ނޫން ކަމަށް ވިދާޅުވި އެވެ.
ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި މަވޯޓާ އެމްޑީޕީގައި ހުންނެވުމަށް ފަހު، ވެރިކަން ބަދަލުވުމުން ޕީއެންސީ އަށް ސޮއިކުރެއްވީ އެމްޑީޕީ ސަރުކާރުން މެލޭޝިއާ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމަށް އައްޔަންކުރި އޭނަގެ ދަރިކަނބަލުން މިޒުނާ ޝަރީފު އެ މަގާމުގައި ބެހެއްޓެވުމަށް "ޑީލް" ހައްދަވައިގެންނެވެ.
މިޒްނާ މަގާމުގައި ބަހައްޓަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ.
އެކަމާ ގުޅިގެން މަވޯޓާ ވިދާޅުވެފައި ވަނީ އޭނަ ޕީއެންސީއާ ގުޅިވަޑައިގަތީ ދާއިރާގައި ފަށާފައި ހުރި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން މި ސަރުކާރަށް ފުރުސަތު ފަހިކޮށް ދެއްވުމުގެ ގޮތުން ކަމަށެވެ.
މި ސަރުކާރުން މިހާރު ވަނީ ހަރަދުތައް ކުޑަކުރުނުގެ ގޮތުން ސިޔާސީ މަގާމުތައް މަދުކުރަން ނިންމާފައިވާކަން ހާމަކޮށްފަ އެވެ. އެގޮތުން 400 އެއްހާ މުވައްޒަފުން މަދުކުރާނެ ކަމަށް ބުނެފައިވެ އެވެ.
މި ސަރުކާރުން އައި އިރު ބުނެފައި ވަނީ ސިޔާސީ މަގާމުތައް 700 އަށް ވުރެ އިތުރު ނުވާނެ ކަމަށެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީން ބުނާ ގޮތުގައި އެ އަދަދު މިހާރު 2،000 އަށް ވުރެ ގިނަ އެވެ. އެކަމަކު ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވިދާޅުވާ ގޮތުގައި ސިޔާސީ މަގާމުތައް އަދިވެސް ހުރީ 700 އިން ދަށުގަ އެވެ.