2017 ވަނަ އަހަރު މާލޭގައި މޫސާ އަހުމަދުމަނިކު މަރާލި މައްސަލައިގައި ދައުވާ އުފުލި އިބްރާހިމް ސައްމާހް އަހްމަދު ފަތުހީ ބަންދު ނުކުރަން ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ދަމަހައްޓައިފިއެވެ.
މޫސާ އަހުމަދުމަނިކު މަލާރި މައްސަލައިގައި ޕީޖީން އިބްރާހިމް ސައްމާހް އަހްމަދު ފަތުހީގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ދައުވާ އަދި މަޤްބޫލު ސަބަބެއްނެތި އާއްމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. މި ދެ ދައުވާވެސް ސައްމާހުގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2024 ޖެނުއަރީ 22 ވަނަ ދުވަހުއެވެ.
ސައްމާހުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމުން އެ މައްސަލަ ޕީޖީން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި އެ މައްސަލަ ހައިކޯޓުގައި ނިމެންދެން ސައްމާހު ބަންދުކުރަން ޕީޖީން އެދުމުން ހައިކޯޓުން މާޗް 28 ގައި ނިންމާފައިވަނީ، ސައްމާހު ޝަރީއަތް ނިމެންދެން ބަންދުކުރަންޖެހޭ ހާލަތެއް ނެތް ކަމަށެވެ. އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ އެ ނިންމުން ބާތިލުކޮށް ސައްމާހުގެ ބަންދާމެދު ހައިކޯޓުން އަލުން ގޮތެއް ކަނޑައެޅުމަށް ނިންމާފައެވެ. ދެންވެސް ހައިކޯޓުން ނިންމާފައިވަނީ ސައްމާހު ބަންދުކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.
ހައިކޯޓުގެ މި ނިންމުން ޕީޖީން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު ސުޕްރީމް ކޯޓުން މިއަދު ވަނީ މި މައްސަލައިގައި ހުކުމް އިއްވާފައެވެ. އެގޮތުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ މައްސަލައެއްގައި ދައުވާލިބޭ މީހަކު ބަންދުކުރަންޖެހޭފަދަ ސަބަބެއް އޮތްތޯ ކަނޑައެޅުމަކީ އެ މައްސަލައެއް ބައްލަވާ ފަނޑިޔާރެއްގެ އިހްތިޔާރުގައި އޮންނަ ކަމެއް ކަމަށެވެ. އަދި އެކަމުގެ ތެރެއަށް އިސްތިއުނާފީ ކޯޓުން ވަންނަންޖެހޭނީ އިސްތިސްނާ ހާލަތެއްގައި ކަމަށާއި އެފަދަ ހާލަތެއް މި މައްސަލައިގައި ނެތް ކަމަށެވެ.
އެހެންކަމުން މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުން ވަނީ ތާއީދު ކުރައްވާފައެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.