Last Updated: September 21, 18:23
Saturday, September 21, 2024
ޚަބަރު

'އައްޑޫ ބޮނޑި' ހިފައިގެން އެމްޑީޕީ މެންބަރުން މާލެއަށް

ޕީޕީއެމް ސަރުކާރުގެ އަނިޔާވެރިކަން ހައްދުފަހަނަޅާފައިވާ ކަމަށާއި މެއި މަހުގެ 1 ވަނަ ދުވަހު އެ އަނިޔާވެރިކަން ނިންމާނީ އައްޑޫ ބޮނޑި ދީގެން ކަމަށް އައްޑޫ ސިޓީ އިން މާލެ އަށް ދާން ނިންމާފައިވާ އެމްޑީޕީ މެންބަރުން ބުނެފިއެވެ.

މާދަމާ މާލޭގައި ބާއްވާ މުޒާހަރާގައި ބައިވެރިވުމަށް މިއަދުގެ ވަގުތެއްގައި ފުރަން ހަމަޖެހިފައިވާ އެމްޑީޕީގެ އައްޑޫ ގޮފީގެ އިސް މެންބަރަކު 'އައްޑޫލައިވް' އާއި ވާހަކަދައްކަމުން ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް އައްޑޫ ބޮނޑީގެ ރަހަ މީރުކަން އެނގޭނެ ކަމަށާއި މިފަހަރު އައްޑޫ ބޮނޑީގެ މީރު ކަމާއި އެއީ ކޯޗެއްކަން ރައީސް ޔާމީނަށް މެއި މަހުގެ 1 ވަނަ ދުވަހު އަންގާލަ ދޭނެ ކަމަށެވެ.

" އައްޑޫ ބޮނޑިއަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވަރަށް މަޝްހޫރު އެއްޗެއް. އެ ދީގެން ވެސް ރައީސް ޔާމީން ހަމަމަގަށް އަޅުވާނަން އިރާދަކުރެއްވިއްޔާ " އޭނާ ބުންޏެވެ.

މުޒާހަރާގައި ބައިވެރިވުމަށް މާލެ އަންނަ ފަރާތްތަކުން ކެއުންބުއިމާ ނިދުމުގެ އިންތިޒާމު ހަމަޖެހިގެން އައުމަށް ފުލުހުން ދަންނަވާފައިވާތީ އެކަމަށް ރައްދު ދެއްވަމުން އެމްޑީޕީގެ އޮފިޝަލް ވިދާޅުވިގޮތުގައި އައްޑޫ މީހުން މާލެ ދަނީ ކައިގެން ނިދަން ނޫން ކަމަށާއި އަނިޔާވެރިކަން ނިންމަން ކަމަށެވެ.

"މާލެ މިދަނީ ކައިގެން ނިދާކަށް ނޫން. އަނިޔާވެރިކަން ނިންމަން. ބަނޑުހައިވެގެން ކާނެ އެއްޗެއް އެބޭފުޅުން [ސިފައިންނާއި ފުލުހުން] ބޭނުން ނަމަ އައްޑޫ ބޮނޑި ލިބޭނެ. "

މައުލޫމާތު ލިބިފައިވާގޮތުގައި އައްޑޫގެ ގިނަ ބަޔަކު އިއްޔެ ވެސް މުޒާހަރާގައި ބައިވެރިވުމަށް މާލެ ގޮސްފައިވާ އިރު މިއަދާއި މާދަމާ ވެސް ގިނަ ބަޔަކުު މާލެ އަށް ފުރަން ހަމަޖެހިފައި ވެއެވެ.

އައްޑޫ ސިޓީ އިން މާލެ ދާ ގިނަ މީހުން ދަނީ ވައިގެ މަގުން ކަން ފާހަގަކޮށްލެވެއެވެ.

"މޭޑޭ" ގެ ހަރަކާތްތައް އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވަނީ ހިތަދޫ ސިޓީ ސްކެއާ ސަރަހައްދުގައެވެ.