ދަނޑުވެރިކަމާ ގުޅޭ ޢިލްމީ ދިރާސާތައް ކުރުމަށް ގައުމީ ޔުނިވަސިޓީއާ އެކީ އެގްރިކަލްޗަ މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. ޢާއިޝަތު ރަމީލާ އެވެ. ޔުނިވަސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. ޢައިޝަތު ޝެހެނާޒެވެ.
ރަމީލާ ވިދާޅުވީ ދަނޑުވެރިކަމާ ގުޅޭ ޢިލްމީ ދިރާސާތަކާއި މިހާރު ދަނޑުވެރިކަން އޮތް ގޮތާއި އެ ދާއިރާގެ ހާލަތު އެނގޭނެ ދިރާސާއެއް މިހާތަނަށް ހެދިފައި ނެތް ކަމަށާއި އެހެންވެ ޔުނވަސިޓީން އެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިނިސްޓަރު ވިދާޅުވީ ދަނޑުވެރިކަމާ ބެހޭ ދިރާސާއެއް ނެތުމުގެ ސަބަބުން އެ ދާއިރާ ކުރިއަރުވަން ބޭނުންވާ ފައިސާ ހޯދުމާއި، ތަމްރީން ފުރުސަތުތައް ހޯދުމުގައި ވެސް ވަރަށް ދަތިތަކާއި ގޮންޖެހުންތަކެއް ދިމާވާ ކަމަށެވެ.
އެގޮތުން ބޭރުގެ ފަރާތްތަކާ އެކީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވެސް ބޭސްލައިން އަންޑަސްޓޭންޑިންއެއް ނެތުމަކީ ދެރަ ކަމެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވި އެވެ.
"ދަނޑުވެރިންނަށް އިތުރަށް ރަނގަޅު މަންފާއެއް ނެރެވޭނެ ގޮތަށް އެ މަސައްކަތް ކުރަން އަޅުގަނޑުމެންނަށް ލަފާ ވެސް ދެވޭނީ ދިރާސާތަކެއް ހެދިފައި ހުރީމަ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ،" ރަމީލާ ވިދާޅުވި އެވެ. "އަދި އެކިއެކި ލެވެލްގައި ކިޔަވާ ދަރިވަރުންނަކީ ވެސް ދަނޑުވެރިކަމާއި ގުޅުންހުރި ކަންކަމުގެ ދިރާސާތައް ކުރުމަށް ޝައުގުވެރިވާ ބަޔަކަށް ހެދުމަށްޓަކައި އެ ޝައުގު އުފެއްދުމަށް ވެސް ބޭނުންވޭ."
ޝެހެނާޒް ވިދާޅުވީ މިނިސްޓްޓްރީއާ އެކީ ހެދި އެއްބަސްވުމުގެ ސަބަބުން ދަނޑުވެރިކަމާއ ގުޅޭ ޢިލްމީ ދިރާސާތައް ކުރުމަށާއި، ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމަށް ކިޔެވޭނެ މަގު ވެސް ފަހިވެގެން ދާނެ ކަމަށެވެ. އަދި ދަނޑުވެރިކަމަށް އިންވެސްޓްކޮށްގެން ބިމުގެ ސިއްޙަތާއި، ތިމާވެށްޓަށް ޚާއްސަކޮށް ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތައް އިތުރު ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން ދެމެހެއްޓެނިވި ދަނޑުވެރިކަމަކީ އަޅުގަނޑުމެންގެ ދިރިހުރުމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް މުހިންމު ކަމެއް." ޝެހެނާޒް ވިދާޅުވި އެވެ.