މި ސަރުކާރު އައި ފަހުން މަސްވެރިންނަށް މިހާތަނަށް ދޫކުރި ފައިސާގެ އަދަދު މިހާރު ބިލިއަނަކަށް ވުރެ މަތި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ ބުރާސްފައްޗާ ހަމައަށް މަސްވެރިންނަށް ނުދެވި ހުރި ހުރިހާ ފައިސާއެއް ދީ މިހާރު ވަނީ ނިންމައފަ އެވެ. އެގޮތުން އެންމެ ފަހުން ނުދެވި އޮތީ 53 މިލިއަން ރުފިޔާ އެވެ. އެ ފައިސާ މަސްވެރިންނަށް ދޫކުރުމުގެ މަސައްކަތް ކުރީ އިއްޔެ އެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު އިއްޔެ ވިދާޅުވި ގޮތުގައި ސަރުކާރުގެ މިހާރުގެ އަމާޒަކީ މިފްކޯގެ މާލީ ހާލަތު ވެސް ހުރި ގޮތުން، ކުރިއަށް އޮތް ތަނުގައި މަސްވެރިންނަށް ދޫކުރަން ޖެހޭ ފައިސާ އެންމެ ލަސްވެގެން ދެ ހަފުތާގެ ތެރޭގައި ދިނުމެވެ.
މި ސަރުކާރު ވެރިކަމަށް އައި އިރު، ޑރ. މުހައްމަދު މުއިއްޒު މަސްވެރިންނަށް ވެވަޑައިގަތް އެންމެ މުހިއްމު އެއް ވައުދަކީ މަސްވެރިން ކިރުވާ މަހަށް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. ނަމަވެސް އެގޮތަށް ކުރިަށް ގެންދެވިފައި ނުވާތީ މަސްވެރިންގެ ފާޑުކިޔުންތައް އަމާޒުވެ، މުޒާހަރާ ވެސް ކޮށްފައިވެ އެވެ.
ސަރުކާރުން މިހާރު ހަމަޖައްސާފައި އޮތީ އިއްޔެ އިން ފެށިގެން ދެން މަސް ގަންނާނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް މަސްގަތުމަށެވެ. އެގޮތުން މަސް ގަންނާނެ ކޮންމެ ހަފުތާ އަކު އާއްމުކޮށް އިއުލާން ކުރާނެ އެވެ.