އާސަންދައިގެ ދަށުން ފުރަތަމަ ބުރުގައި އައިވީއެފް ހަދަން ޝަރުތު ހަމަވީ 37 މީހުން ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.
އެންސްޕާއިން މިއަދު ބުނީ، އައިވީއެފާއި އައިޔޫއައި ހެދުމަށް އެދުމުގެ ފުރުސަތު މިދިޔަ މާޗް މަހުގެ 15 ގައި ހުޅުވާލައި މުއްދަތު ހަމަވި އިރު، 153 މީހުން ހުށަހެޅި ކަމަށެވެ. ނަމަވެސް އެންސްޕާ އިން ކަނޑައެޅި ޝަރުތުހަމަވީ އޭގެ ތެރެއިން 37 މީހުން ކަމަށާއި އެ މީހުންނަށް އެހީ ހަމަޖެހިފައިވާ ކަމަށް ވެސް އެންސްޕާ އިން ބުންޏެވެ.
އެންސްޕާއިން ބުނީ ފުރަތަމަ ބުރުގައި އެހީ ހަމަޖެހިފައިވާ މީހުންނަށް މި މަހުގެ 30 ގެ ކުރިން ފަރުވާ ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ހިއްސާ ކުރުމާ ގުޅޭ މައުލޫމާތު ދޭނެ ކަމަށެވެ.
އަދި އަދި މިހާރު ހާލަތު ބަދަލުވެފައިވާ މީހުންނަށް ވެސް މިމަ ހުގެ ނިޔަލަށް އެހީއަށް އެދި އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެންސްޕާއިން ބުންޏެވެ.
އާސަންދަ އިން ބުނީ އައިވީއެފްގެ ފަރުވާއަށް ފުރަތަމަ އެހީ ހަމަޖައްސައި ދެން ނިންމާފައި ވަނީ އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށް ކަމަށެވެ. އެ ހިދުމަތް ފޯރުކޮށް ދޭނީ އާސަންދަ ސްކީމް މެދުވެރިކޮށް އައިވީއެފް ފަރުވާ ރާއްޖޭގައި ފޯރުކޮށްދޭ މަރުކަޒުތަކުންނާއި، ރާއްޖެއިން ބޭރުން އެ ހިދުމަތް ދޭ މަރުކަޒުތައް މެދުވެރިކޮށެވެ.