ޝަރީޢަތް ނިމެންދެން "ވާނުވާ" ބަންދުގައި މިހާރު ވެސް 400 އެއްހާ މީހުން އެބަތިބި ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ޕީޖީ އިއްޔެ ވިދާޅުވީ ވަގުތު ވާނުވާ ބަންދުގައި ގާތްގަނޑަކަށް 350-400 ދެމެދުގެ އަދަކަށް މީހުން ތިބި އިރު، އޭގެ ތެރޭގައި ބަންދުކޮށްފައިވާތާ ހަތަރު ފަސް އަހަރުވެފައިވާ މީހުން ވެސް އެބަތިބި ކަމަށެވެ. ޝަމީމު ވިދާޅުވީ ޤާނޫނުގައި ތަޞައްވަރު ކުރަނީ ހަ މަހާއި އަހަރަކާ ދެމެދުގައި މައްސަލަތައް ނިންމުމަށް ކަމަށް ވިޔަސް ޝަރީއަތުގެ ތާވަލް ނުލިބުމާއި ކޯޓުތަކުގެ ވަސީލަތްތަކުގެ ދަތިތަކާ އެކީ އެގޮތަށް މައްސަލަތައް ނުހިނގައި ވަރަށް ބޮޑަށް ދިގުލައިގެން ދާ ކަމަށެވެ.
"ޤާނޫނުގައި އޮންނާނެ ކޯޓުން ތާވަލެއް ދޭން. އެކަމަކު ތާވަލެއް ނުދޭ. މަރުގެ މައްސަލަތަކުގައި ހަތަރު، ފަސް އަހަރު މީހުން އެބަތިބި." އޭނަ ވިދާޅުވި އެވެ.
ޕީޖީ ވިދާޅުވީ މައްސަލަތައް ދިގުލައި ދިއުމުގެ ސަބަބުން މައްސަލަތައް ސާބިތުވުމުގެ ފުރުސަތު ވެސް ވަރަށް ބޮޑަށް ކުޑަވެގެންދާ ކަމަށެވެ. އެގޮތުން 2022 ވަނަ އަހަރު ހުށަހަޅައި މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ނިމުނު މައްސަލަތަކުގެ ތެރެއިން 16 މައްސަލައެއް ސާބިތު ވެސް ނުވާކަން ފާހަގަކުރެއްވި އެވެ. އަދި މި އަހަރު ހުށަހަޅައި ނިމުނު މައްސަލަތަކުގެ ތެރެއިން ސާބިތު ނުވަނީ އެންމެ މައްސަލައެއް ކަމަށް ވިދާޅުވި އެވެ.
އެހެންވެ މައްސަލަތައް އަވަސް ކުރުމަށް މަސައްކަތްތަކެއް ކުރެވޭ ކަމަށާއި އެގޮތުން، އެމައްސަލައިގައި ހިމެނޭ ފަރާތްތަކުން ޝަކުވާކޮށްގެން ވެސް ކޯޓުން މައްސަލަ އަވަސްކޮށް ދިނުމަށް އެދިފައި ވާނެ ކަމަށް ޕީޖީ ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ "ވާނުވާ" ބަންދުގެ މައްސަލަތަކަށް ބަލާއިރު ޕީޖީ އޮފީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އެދެނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށުގެ މައްސަލަތަކުގައި އެކަނި ކަމަށެވެ.
"ވާނުވާ" ބަންދުގައި ބަހައްޓަން ޕީޖީން އެދޭ މައްސަލަތައް:
* ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން
* ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން
* ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާ މީހުން
* ޓެރަރިޒަމްގެ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުން
* ފުލުހުން ދޭ މައުލޫމާތަށް ބިނާކޮށް މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކުތަކާއި ގުޅުން އޮންނަ މީހުން
މި ކަންކަމުގެ އިތުރުން މުޖުތަމަޢަށް ނުރައްކަލެއް ކަމަށް ބެލެވޭ މީހުން ޝަރީޢަތް ނިމެންދެން ވާނުވާ ބަންދުގައި ބޭތިއްބުމުގެ ފުރުސަތު އޮތް ނަމަވެސް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި އިތުރު މައްސަލަތަކުގައި ބަންދުގައި ބޭތިއްބުމަށް ޕީޖީން ނޭދޭ ކަމަށް ޕީޖީ ވިދާޅުވިއެވެ.
ނަމަވެސް މިފަދަ މައްސަލަތަކުގައި ވެސް އެވްރެޖްކޮށް މަހަކު 16 މީހުން "ވާނުވާ" ބަންދަށް ޖަހާ ކަމަށް ވިދާޅުވިއެވެ.
"ވާނުވާ" ބަންދު ނިމުމަކަށް ގެންނަން ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި މި އަހަރިގެ ފެބްރުއަރީގައި އިއުލާން ކުރެއްވި އެވެ. އަދި "ވާނުވާ" ބަންދު އެއްކޮށް ނިމުމަމަށް ގެންނަވާނެކަމުގެ ޔަގީންކަން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވެސް ދެއްވާފައިވެ އެވެ.