އާބާދީގެ ވަކި އަދަދުތަކަށް އިދާރީ ދާއިރާތައް ބައިކުރުމުގެ ބަދަލުގައި، ގުދުރަތީ ގޮތުން ރާއްޖެ ބެހިފައިވާ ގޮތަށް ދާއިރާތައް ކަނޑައަޅާފައި އޮތުން މާ ރަނގަޅު ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގަރާރެއް ސަރުކާރުގެ ފަރާތުުން އިއްޔެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، ޑިމޮކްރެޓުން ބުނީ މަޖިލީހަކީ ގައުމުގެ ހާލަތާ މެދު ވާހަކަ ދެކެވި މަޝްވަރާއި ބަހުސްތައްކޮށް ވަކާލާތުކޮށް ހެޔޮ ސިޔާސަތު ކަނޑައެޅުމަށް ގޮތް ކަނޑައަޅާ ތަން ކަމަށެވެ.
އެހެންވެ މަޖިލީހުގެ ދާއިރާތައް ތަމްސީލުކުރާ މެންބަރުންގެ އަދަދު އެ ދާއިރާގެ އާބާދީއާ ޕްްރްޕޯޝިނޭޓްވުންް މުހިންމު ކަމަށާއި ދާއިރާއެއް ތަމްސީލުކުރަން އާބާދީއާ ޕްރޮޕޯޝިނޭޓްވާ ގޮތަށް އެކަށޭނަ އަދަދަކަށް މެންބަރުން ތިބުން ގޯހެއް ނޫން ކަމަށެވެ.
"[އެހެންވެ] އާބާދީގެ ވަކި އަދަދުތަކަށް އިދާރީ ދާއިރާތައް ބައިކުރުމުގެ ބަދަލުގައި، ގުދުރަތީ ގޮތުން ބެހިފައިވާގޮތަށް ދާއިރާތައް ކަނޑައަޅާފައި އޮތުން ރަނގަޅު." ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވާ ޕާޓީން ބުންޏެވެ.
ވިހި ވަނަ މަޖިލީހުގެ 40 ވަރަކަށް ގޮނޑި އަށް ވާދަކޮށްގެން އެއްވެސް ގޮނޑިއެއް ކާމިޔާބު ނުވި ޕާޓީން ބުނީ ދާއިރާއާއަކަށް މެންބަރުން ހޮވަން ވާނީ ދާއިރާގެ ހުރިހާ މެންބަރުންގެ ވޯޓުން ކަމަށެވެ. އަދި މެންބަރުންގެ މުސާރަ އާއި އިނާޔަތްތަކަކީ މެންބަރުން އަބުރުވެރިކަމާ އެކީ އިހުލާސްތެރި މަޢުނަވީ މަސައްކަތެއް ކުރުމަށް ދެވޭ އެއްޗެއް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
"މާއްދީ ކަންކަމުގެ ތެރެއަށް ވަދެ، ނިޒާމުން ބޭރުން މަސައްކަތްކުރާ ނަމަ، މެންބަރަށް ބުރަބޮޑުވެ ކޮރަޕްޝަނަށް މަގުފަހިވޭ،" ޑިމޮކްރެޓްސް އިން ބުންޏެވެ. "މިކަމުން އާހިރުގައި ދެރަ ލިބި ތަކުލީފު އުފުލަން ޖެހޭނީ ރައްޔިތުން."
މިހާރު ހިނގަމުން އަންނަ 20 ވަނަ މަޖިލީހުގައި 93 މެންބަރުން ތިއްބަވަ އެވެ. ނަވާރަ ވަނަ މަޖިލީހުގައި ތިއްބެވީ 87 މެންބަރުންނެވެ.