Last Updated: January 13, 16:30
Monday, January 13, 2025
ޚަބަރު

ސައިބަކްރައިމާ ގުޅުންހުރި ކަންކަން ކުށަކަށް ހެދުމަށް ހުށަހަޅައިފި

މެންބަރު ހުސައިން ރިޟާ އާދަމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސައިބަކްރައިމާ ގުޅުންހުރި އަމަލުތައް ޖިނާއީ ކުށްކަމުގައި ކަނޑައެޅުމަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތަށް އިސްލާހު ހުށަހަޅުއްވާފައިވަނީ މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޟާ އާދަމްއެވެ.

ޤާނޫނުލްއުގޫބާތަށް އިސްލާހު ހުށަަހަޅާފައިވަނީ، ސައިބަކްރައިމާއި ގުޅުންހުރި އަމަލުތައް އެއީ ކުށްކަމުގައި ކަނޑައެޅުމަށެވެ.

އެގޮތުން ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސަސްވުން، އިތުރު ކުށެއް ކުރުމަށް މަގުފަހުކުރުމުގެ ނިޔަތުގައި ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން، ހުއްދަނެތި ކޮމްޕިއުޓަރ ޑޭޓާ އިންޓަރސެޕްޓްކުރުން، ހުއްދަނެތި ކޮމްޕިއުޓަރ ޑޭޓާއަށް އިންޓަފިއަރކުރުން، ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އިންޓަފިއަރ ކުރުން،، ނަހަމަގޮތުގައި ޑިވައިސްތައް ބޭނުންކުރުން، ސައިބަވަޔަލަންސްގެ އަމަލުތައް، ކޮމްޕިއުޓަރާ ގުޅުންހުރި ފޯޖަރީގެ އަމަލުތައް، ކޮމްޕިއުޓަރާ ގުޅުންހުރި އޮޅުވާލުމުގެ އަމަލުތައް އަދި ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްޤުތަކަށް އަރައިގަތުމުގެ އަމަލުތަކަކީ ކުށް ކަމަށް ކަނޑައެޅުމަށް އިސްލާހުގައި ހުށަހަޅާފައިވެއެވެ.

ސައިބަކްރައިމާ ގުޅުންހުރި އަމަލުތައް ޖިނާއީ ކުށްކަމުގައި ކަނޑައެޅުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.