Last Updated: November 28, 21:08
Thursday, November 28, 2024
ދުނިޔެ

ދެކުނު އެފްރިކާގެ ސްޕޯޓްސް މިނިސްޓަރަކަށް "ވަގެއް"

ދެކުނު އެފްރިކާގެ ސަރުކާރުގެ އާ ކެބިނެޓްގެ ސްޕޯސްޓް، އާޓްސް އެންޑް ކަލްޗަ މިނިސްޓަރަކަށް މީގެ ކުރިން ބޭންކްތަކެއް ފަޅާލައިގެން ވައްކަން ކުރުމުގެ ރެކޯޑްތަކެއް ވެސް އޮތް ކުރީގެ ގޭންގްސްޓާރަކު އައްޔަންކޮށްފި އެވެ.

ސްޕޯޓްސް މިނިސްޓަރުކަމަށް އައްޔަންކުރީ ނައިޓްކުލަބްތަކެއް ވެސް ހިންގި ގޭޓަން މެކެންޒީ، 50، އެވެ. އޭނަ އަކީ ދެކުނު އެފްރިކާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ޕެޓްރިއޮޓިކް އެލައިންސް (ޕީއޭ) ގެ ލީޑަރެވެ. އާދިއްތަ ދުވަހު މެކެންޒި ސްޕޯޓްސް މިނިސްޓަރަކަށް އައްޔަންކުރުމާ ގުޅިގެން ކުރި ޓްވީޓެއްގައި ސަަޕޯޓަރުންގެ ފަރާތުން ލިބުނު ހެޔޮދުއާ އަށް ޝުކުރު އަދާކުރައްވާ ކަމަށާއި ކުރިއަށް ދެން އޮތީ މަސައްކަތުގައި ވަރަށް ބިޒީ ދުވަސްތަކެއް ކަމަށް ވިދާޅުވެފައިވެ އެވެ.

އޭނަ ސްޕޯޓްސް މިނިސްޓަރު ކަމަށް އައްޔަން ކުރުމާ ގުޅިގެން ބައެއް މީހުން ސޯޝަލް މީޑިއާގައި މަރުހަބާ ވެސް ކިޔައި، ކުޅިވަރުގެ ދާއިރާ ކުރިއަރުވައި ދިނުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށް ދިނުމަށް ވެސް އެދިފައިވެ އެވެ.

މެކެންޒީ އަކީ ވަރަށް ކުޑައިރުން ފެށިގެން ވައްކަން ކުރަން ފެށި މީހެކެވެ. އެގޮތުން އޭނަ އެންމެ ފުރަތަމަ ބޭންކެއް ފަޅާޅައި ވައްކަންކުރީ އުމުރުން އެންމެ 12 ވަރަކަށް އަހަރުގަ އެވެ. އޭގެ ފަހުން އެފަދަ އެތައް ކުށްތަކަކާ ގުޅިގެން އޭނަގެ މައްޗަށް ކުރި ދައުވާތަކެއް ސާބިތުވެ 7 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކޮށްފައިވެ އެވެ

ނަމަވެސް ފަހުން އިސްލާހުވެ ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގެން ޕާޓީއެއް އުފަދައްވައި އާންމުންގެ ތާއީދު އޮތް ސިޔާސީ ލީޑަރަކަށް މެކެންޒީވެފައިވެ އެވެ.

ރަމަފޯސާގެ ވެރިކަމުގެ ދެވަނަ ދައުރުގައި ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރުކަން ލިބުމާ ގުޅިގެން މެކެންޒީ ވިދާޅުވެފައި ވަނީ މިކަމުން ދައްކުވައި ދެނީ ކިތަންމެ ގޯސްކޮށް އުޅުނު މީހަކު ވެސް އިސްލާހުވެ، ކާމިޔާބީގެ ބޮންތިއާއާ ހަމަައަށް ސް ވާސިލުވެވިދާނެކަން ކަމަށެވެ.

ސްޕޯޓްސް މިނިސްޓަރަކަށް މެކެންޒީ އައްޔަންކުރުމުގެ ކުރިން، ދެކުނު އެފްރިކާގެ ޕޮލިސް މިނިސްޓަރު ކަމަށް އޭނަ އައްޔަންކޮށް ދޭން އެދިވަޑައިގަތެވެ. އޭނަ ވިދާޅުވީ ކުށްތައް މަދުކުރަން ވަރަށް ރަނގަޅަށް މަސައްކަތް ކުރެވި ދާނެ ކަމަށެވެ.

ދެކުނު އެފްރިކާގެ އާ ސަރުކާރު އެކުލަވާލާފައި ވަނީ ގިނަ ޕާޓީތައް އެކުލެވޭ ކޯލިޝަން ސަރުކާރެއްގެ ގޮތުގަ އެވެ. މި ފަހަރު އެގޮތަށް އަމަލު ކުރަން މަޖުބޫރުވީ މެއި މަހު ބޭއްވި އިންތިހާބުގައި ރައީސް ސައިރިލް ރަމަފޯސާގެ ޕާޓީ، އެފްރިކަން ނެޝަނަލް ކޮންގްރެސް (އޭއެންސީ) އަށް ގާނޫނު ހަދާ މަޖިލީހުގެ ސާފު މެޖޯރިޓީ ގެއްލުމާ ގުޅިގެންނެވެ. އަދި އޭނަ އަށް ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރުވީ ވެސް އިދިކޮޅު ފަރާތްތަކާ ގުޅިގެން ސަރުކާރެއް އުފައްދަން އެއްބަސްވެވަޑައިގަތުމުންނެވެ.

ރަމަފޯސާގެ ކެބިނެޓްގައި މި ފަހަރު އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ 12 ބޭފުޅަކު ހިމެނިވަޑައިގަނެ އެވެ.