ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ އަދަދު ހާމަކުރުމަށް ސަރުކާރަށް ލާޒިމުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. އަދި ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް 56 މެންބަރަކު ވޯޓު ދީފައިވެއެވެ.
މީކާއިލްގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ، ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ އިހުތިޔާރުގެ ބޭނުން ހިފައި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް އަދި އެއްވެސް ހައްދެއް ނެތި ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ކޮށްފައިވާކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް އަދި އެއްވެސް ހައްދެއްނެތި ވަޒީފާއަށް މީހުން ވައްދައިފައިވުމުގެ ސަބަބުން މުސާރައިގެ ގޮތުގައި އެ ކުންފުނިތަކުން ހޭދަކުރަންޖެހޭ އަދަދު ބޮޑުވެ، ކުންފުނިތައް ހިންގުމަށް ދަތިވާ ހާލަތަށް ގޮސްފައިވާ ކަމަށެވެ.
"… ސިޔާސީ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ މީހުންގެ ރަސްމީ އަދަދު ސާފުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިނިސްޓަރ އޮފް ފިނޭންސްގެ އަރިހުން އެދުމުންވެސް، އެ މައުލޫމާތު އެ ކޮމިޓީއަށް ވެސް ފޯރުކޮށްދީފައި ނުވާ ހިނދު، …" މީކާއިލްގެ ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.
ކުއްލި މައްސަލައިގައި ބުނެފައިވަނީ ނޫސްވެރިންނާއި އާއްމު ރައްޔިތުންގެ ތެރެއިން ބަޔަކު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އެދި ހުށަހެޅި ނަމަވެސް، ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުންގެ ރަސްމީ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ ޖުމުލަ އަދަދު ހާމަކުރުމަށް އިންކާރު ކުރަމުންދާ ކަމަށެވެ.
އެހެންކަމުން ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ ޖުމުލަ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ ޖުމުލަ އަދަދު، ހާމަކުރުމަށާއި ރައްޔިތުންގެ މަޖިލީހަށް ފޯރުކޮށްދިނުމަށް ކުއްލި މައްސަލައިގައި ގޮވާލާފައިވެއެވެ. އަދި މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަަކަށް އެ މައުލޫމާތު ދޫކޮށްދިނުމަށް ސަރުކާރަށް ލާޒިމު ކުރުމަށްވެސް ގޮވާލާފައިވެއެވެ.