ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން މެއި މަހު ފެށި "ހާލު ކިހިނެއް؟" ޕްރޮގްރާމްގެ ދަށުން މިހާތަނަށް 1،000 ވުރެ ގިނަ ގެތަކަށް ޒިޔާރަތްކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
އެ މިިސްޓްރީން ބުނީ މެއި 30 އިން ފެށިގެން މި މަހުގެ 1 އާ 1،015 ގެއަކަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
"ޙާލު ކިހިނެއް؟" ޕްރޮގްރާމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސް ޑރ މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރާ އެއްގޮތަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެ މީހުންގެ ހާލު ބަލައި، މުޖުތަމައުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ރައްޔިތުންނާއި ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް އެހީތެރިވެ ބާރުއެޅުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި ރަސްމީކޮށް ފެށީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިންނެވެ. އަދި އަތޮޅުތަކުގައި މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންދަނީ ފެމެލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުތައް ގާއިމްކުރެވިފައިވާ ރަށްތަކުގަ އެވެ.
މިނިސްޓްރީން ބުނީ މިހާތަނަށް ޒިޔާރަތްކުރި ގެތަކުން އެއްކުރި މައުލޫމާތުތަަކަށް ބަލާ އިރު އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ ބޭސްފަރުވާ ހޯދުމުގައި ހުރި ދަތިކަމުގެ މައްސަލަތައް ކަމަށެވެ. އޭގެ ތެރޭގައި ސްޕެޝަލިސްޓު ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހޯދުމުގައި ހުރި ދަތިތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުން ހޮސްޕިޓަލަށް ގެންދިއުމަށް ދިމާވާ ދަތިކަން ފަދަ ކަންކަން ކަމަށް މިނިސްޓްރީން ބުންޏެެވެ.
މީގެ އިތުރުން އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުގެ މައްސަލައާއި، ގިނަ އާއިލާތަކެއް އެއް ތަނެއްގައި އުޅެން ޖެހުމުން ދިމާވާ ދަތިތަކާއި، އެކަށީގެންވާ އާމްދަނީއެއް ލިބޭނެ ވަޒީފާތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދުމުގައި ދިމާވާ ދަތިތައް ހިމެނެ އެވެ.
މިނިސްޓްރީން ބުނީ "ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ މައްސަލަތައް ޙައްލުކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކާ އެކީ މިނިސްޓްރީން ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓްރީން ވަނީ "ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ދަށުން އަވަސް އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ކޯލް ސެންޓަރު 1433 އަށް ގުޅައި މައުލޫމާތު ހިއްސާކޮށް ދޭން ވެސް އެދިފަ އެވެ.