Last Updated: April 30, 05:48
Wednesday, April 30, 2025
ޚަބަރު

އަމީރަކީ ގައުމަށް ގައްދާރުވި މީހެއް

ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަކީ ގައުމަށް ގައްދާރުވެފައިވާ މީހެއް ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ދަރަންޏާ ބެހޭ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ގައުމުގެ އިގްތިސާދީ މިނިވަންކަމަކީ ވަރަށް ބޮޑު ކަމެއް ކަމަށާއި މި ސަރުކާރުން މަސައްކަތްކުރަނީ ގައުމުގެ މިނިވަންކަން ރައްކާތެރި ކުރުމަށް ކަމަށެވެ.

ސަލީމް ވިދާޅުވީ ދަރަނީގެ ކަންކަން ގާނޫނަކުން މެނޭޖްކުރަން މަސައްކަތް ކޮށްފިނަމަ ދެން ވެރިކަމަށް އަންނަ ބަޔަކު އެ ގާނޫނެއް ސަސްޕެންޑް ކުރުމަށްފަހު ހަރަދުތައް ކުރާނެ ކަމަށެވެ. އެހެންކަމުން މި ބަދަލަކީ ޤާނޫނުއަސާސީއަށް ގެންނަ ބަދަލަކަށް ހެދުމަށް އަދި އެބައި އިސްލާހު ކުރެވޭނީ މުޅި މަޖިލީހުގެ އިއްތިފާގުން ކަމަށް ކަނޑައެޅުމަށް ސަލީމް ގޮވާލެއްވިއެވެ.

ސަލީމް ވިދާޅުވީ މިދިޔަ ފަސް އަހަރު ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑް ކުރުމަށްފަހު ފައިސާ ޗާޕުކުރަމުންދިޔަ ކަމަށެވެ. އަދި އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އަރިހުގައި، އެވަރަށް ދަރަނި ނުނެގުމަށް އާދޭސްދެންނެވި ކަމަށާއި އެހެންނަމަވެސް އެވާހަކަތަކަށް ބީރު ކަންފަތެއް ދެއްވިކަމަށް ސަލީމް ވިދާޅުވިއެވެ. އަދި އަމީރަކީ ގައުމަށް ގައްދާރުވި މީހެއް ކަމަށްވެސް ސަލީމް ތުހުމަތު ކުރެއްވިއެވެ.

"އެހެންވީމާ މިއީ ގައުމަށް ގައްދާރުވި މީހެއް. އެހެންމަ ގައުމަށް ގައްދާރުވި މީހެއްގެ ގޮތުގައި މީނަ އެބަޖެހޭ ހިފާ ހައްޔަރުކޮށް ޝަރީއަތަށް ފޮނުވަން. އެހެން ނޫންނަމަ ދެން އަންނަ ވަޒީރުންވެސް މިގޮތަށް އަމަލު ކުރާނެ." ސަލީމް ވިދާޅުވިއެވެ.

މީގެއިތުރުން ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ކޮންމެ ފަހަރަކު މި ލެވެލްއަށް ލިބިދާނެކަމަށް ވިސްނައިގެން ނުވާނެ ކަމަށެވެ. އެހެންކަމުން މިހާރު ލިބިފައިވާ ފުރުސަތުގައި ގައުމަށް ގެންނަންޖެހޭ ބަދަލު ގެންނަންޖެހޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.