Last Updated: November 28, 15:30
Thursday, November 28, 2024
މުނިފޫހިފިލުވުން

ފަވާދު އަލުން ބޮލީވުޑްގެ ފިލްމެއް ކުޅެނީ

ޕާކިސްތާންގެ މަޝްހޫރު ފިލްމީ ތަރި، ފަވާދު ޚާން އަނެއްކާ ވެސް ބޮލީވުޑްގެ ފިލްމެއް ކުޅެން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމުފެއާ އިން ބުނީ ވަރަށް އަވަހަށް އެ ފިލްމުގެ ޝޫޓިން އިނގިރޭސިވިލާތުގައި ފަށަން ހަމަޖެހިފައިވާ ކަމަށާއި އޭގެ ބަތަލާ އަކީ ވާނީ ކަޕޫރް ކަމަށެވެ. ނަމަވެސް ފިލްމުގެ ނަމާއި އެ އުފައްދާ ޕްރޮޑަކްޝަން ހައުސް އާއި ޑައިރެކްޓަރަކީ ކޮބައި ކަމެއް ހާމައެއް ނުކުުރެ އެވެ.

ފަވާދު ކުރިން ބޮލީވުޑްގެ ތިން ފިލްމެއް ކުޅުނެވެ. އެއީ ސޯނަމް ކަޕޫރްގެ 2014 ގެ"ޚޫބުސޫރަތު" އާއި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ 2016 ގެ "ކަޕޫރް އެންޑް ސަންސް" އާއި އެ އަހަރުގެ "އޭ ދިލް ހެ މުޝްކިލް" އެވެ.

ފަވާދު ކަހަލަ ޕާކިސްތާންގެ ތަރިންނަށް އިންޑިއާގެ ފިލްމުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު މެދުކެނޑުނީ 2016 ގައި ޕާކިސްތާނަށް ނިސްބަތްވާ ހަތިޔާރު އެޅި ބަޔަކު ޕަތާންކޯޓްގައި އިންޑިއާ ސިފައިންނަށް ހަމަލާދީ 19 ސިފައިންގެ މީހަކު މަރައިލި މައްސަލައިގައި އުފެދުނު ކޯޅުންގަނޑާ ގުޅިގެންނެވެ.

ނަމަވެސް ފާއިތުވި އަހަރުތަކުގައި ދެ ގައުމުގެ މެދުގައި އޮތް ނުތަނަވަސްކަމަށް ފިނިކަން އައިސްފައިވެ އެވެ.

ވަރަށް ކުރިން ފެށިގެން ވެސް، ދުނިޔޭގެ އެންމެ ބޮޑު ފިލްމު އިންޑަސްޓްރީތަކުގެ ތެރޭގައި ހިމެނޭ އިންޑިއާގެ ބޮލީވުޑަކީ ޕާކިސްތާންގެ ފަންނާނުންނަށް ގިނަ ފުރުސަތުތަކެއް ލިބޭ އިންޑަސްޓްރީއެކެވެ. އޭގެ ތެރޭގައި ފިލްމީ ތަރިންނާއި ލަވަކިޔުންތެރިން ހިމެނެ އެވެ.

ފަވާދުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "މަނީބެކް ގެރެންޓީ" އެވެ. އޭނަ ދެން އެންމެ އަވަހަށް ފެންނާނީ މި މަހުގެ 11 ގައި ޒީ5 އާއި ޒީ ޒިންދަގީ ޔޫޓިއުބް ޗެނެލުން ޕްރީމިއާކުރާ ވެބް ސީރީޒް "ބަރްޒަހު" އިންނެވެ.

ފަވާދުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ނީލޯފަރު" އާއި "އާން" ހިމެނެ އެވެ.