2012 ވަނަ އަހަރުގެ ފެބްރުއަރީ 8 ވެގެން ދިޔައީ ފަހުގެ ތާރީހެއްގައި ވެސް އައްޑޫ ސިޓީގެ ރައްޔިތުން ތަޖުރިބާކުރި އެންމެ ގެއްލުން ބޮޑު ހާދިސާ ހިނގި ދުވަހަށެވެ. ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމާއި ގުޅިގެން އައި ރުޅީގައި ނިކުމެ އެމްޑީޕީ އިން ކުރި މުޒާހަރާ އަކަށް ފަހު ހިނގައި ދިޔަ ހަމަނުޖެހުމުގައި އެރޭ އައްޑޫގެ ބައެއް އިމާރާތްތަކުގައި ރޯކުރި ކުރުމަކީ އައްޑޫގެ ތާރީޚުގައި ވެސް މީގެ ކުރިން ފެނިފައި ނުވާނެ މަންޒަރުތަކެކެވެ.
އެމްޑީޕީ މެންބަރުންގެ ބޮލުގައި އައްޑޫގެ އިމާރާތްތަކުގައި އެދުވަހު ރޯކުރި ކަމުގެ ތުހުމަތު އެޅުވިޔަސް އެމީހުން ބުނަނީ އެކަން ނުކުރާ ކަމަށެވެ. ކޮންމެ ބަޔަކު ރޯ ކުރިޔަސް އެކަން ކުރީ ހަމަ އައްޑޫ ސިޓީގެ ރައްޔިތުން ކަން ޤަބޫލުކުރަންޖެހެއެވެ. އެދުވަހު އައްޑޫ އަށް އެހެން އަތޮޅަކުން ބަޔަކު އައިސް ގެއްލުމެއް ދީފައެއް ނުވެއެވެ.
އިމާރާތްތަކުގައި ރޯކުރުމާއި، ހިފާފައިވާ ބޮޑެތި ހުޅުގަނޑުތައް އަމިއްލަ ލޮލުން ތަޖުރިބާ ކުރި އެތައް ބަޔަކު އަދިވެސް ތިބީ އެކަމާއި ސިހިފައެވެ.
ބޮޑު ހުޅުގެ ހާދިސާއަށް 3 އަހަރު ވެފައިވާއިރު އެދުވަހު އަންދާލި އިމާރާތްތައް ހުރީ އަދިވެސް އެގޮތަށެވެ. އެދުވަހު މީދޫ ކޯޓް ފިޔަވައި އެހެން ރަށްރަށުގައި ހުރި ކޯޓްތައް ބޭނުން ނުކުރެވޭ ވަރަށް އަންދާލައިފައި ވާއިރު އަދިވެސް އެއިން އެއްވެސް ކޯޓެއް އަލުން އިމާރާތް ކުރަން ފެށިފައެއް ނުވެއެވެ.
" އަޅުގަނޑަށް ރޮވޭ އަދިވެސް. މަދު ބަޔަކު ހިންގާ މިފަދަ އަމަލުތަކުގެ ސަބަބުން ހުރިހާ ގެއްލުމެއް މި ކުރިމަތި ވަނީ އައްޑޫ ރައްޔިތުންނަށް. އަނދާ އަޅިއަށް ވެފައި މިވަނީ އަހަރުމެންގެ މުދާ. އަހަރުމެން ރަށުގެ އިމާރާތްތައް " ހިތަދޫ ކޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ބުންޏެވެ.
ފެބްރުއަރީ 8 ގައި އައްޑޫގެ އެތަކެއް ރައްޔިތުންގެ ލިޔެކިޔުންތައް އަޅިއަށް ވި އެވެ. އެއީ އިޔާދަ ކުރެވޭ ވަރުގެ ގެއްލުމެއް ނޫނެވެ. އަދި ފައިސާ އިން އަނބުރާ ހޯދައި ގަނެވޭނެ އެއްޗެއް ވެސް ނޫނެވެ.
މާލެ ނަގާފައި ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ފުލުހުން ހަރަކާތްތެރިވާ އަދި ފުލުހުންގެ ހިދުމަތް ބަރާބަރަށް ލިބޭ ސަރަހައްދަކަށް މީގެ ކުރިން ވެގެން ގޮސްފައިވަނީ އައްޑޫ ސިޓީއެވެ. އެހެން ނަމަވެސް އެ ދުވަހު އައްޑޫގައި ހުރި ތިން ޕޮލިސް ސްޓޭޝަންގެ ތެރެއިން ދެ ސްޓޭޝަން އަންދާލައި ފުލުހުން ތަމްރީނު ކުރުމަށް ހިތަދޫގައި ހަދާފައިވާ ބިޔަ ޕޮލިސް ޓްރޭނިން ސްކޫލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ސަބަބުން ކުރިން ފުލުހުންގެ ޙިދުމަތް ކުރިން ލިބެމުން އައި ގޮތަށް އައްޑޫގެ ރައްޔިތުންނަށް މިހާރަކު ލިބިގެނެއް ނުދެއެވެ.
އައްޑޫ ސިޓީގެ މަގުތަކުގައި ހިނގާ އެކްސިޑެންޓްތައް ހުއްޓުވުމަށް އެކަށީގެންވާ އަދަދަކަށް ފުލުހުން ނެތް ވާހަކަ ކޮންމެ މީހަކުވެސް ދައްކާއިރު ފުލުހުން ގެނެސް އައްޑޫގައި ބައިތިއްބަން އައްޑޫގައި ހުރި އެކޮމޮޑޭޝަން އިމާރާތައް އަންދާލާފައި ވަނީ ތިމަންނަމެންގެ ތެރެއިން ބަޔަކު ނިކުމެ ކަން ހަނދާންކޮށްލަން އެބަޖެހެއެވެ.
ބޮޑު ހުޅަށް ފަހު އައްޑޫގައި މަސައްކަތް ކުރަމުން ދިޔަ އެހެން އަތޮޅުތަކުގެ އެތަކެއް ފުލުހުންނެއް އައްޑޫގައި ބައިތިއްބާނެ ގޮތެއް ނެތިގެން ފޮނުވާލަން ޖެހުނު އިރު ކުށްތައް މަދު ކުރުމަށް ފުލުހުން އަދާކުރަމުން ދިޔަ ދައުރު ހީނަރުވެ، އައްޑޫގައި ކުށް ކުރުން ފާއިތުވެ ދިޔަ 3 އަހަރުގެ ތެރޭގައި މިވަނީ އިތުރުވެގެން ގޮސްފައެވެ.
މިކަންކަމުގެ ހުރިހާ ގެއްލުމެއް ލިބުނީ ހަމަ ނިކަމެތި ރައްޔިތުންނަށެވެ. ގެއްލުނީ އައްޑޫގެ އަމާންކަމެވެ. އެކްސިޑެންޓްތައް އިތުރުވެ ގެއްލިގެން ދަނީ އައްޑޫ ރައްޔިތުންގެ ފުރާނަތަކެވެ. ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ޖެހުނީ ވެސް ހަމަ އައްޑޫގެ ރައްޔިތުންނެވެ. އެހެން ނަމަވެސް އެއީ އައްޑޫގެ ރައްޔިތުންތަކެއް އެމީހުންގެ އަމިއްލަ އަށް ހިންގި 'ޖަރީމާއެއްގެ' ސަބަބުން ކުރިމަތިވި ބިރުވެރިކަމެކެވެ.
"ބޮޑު ހުޅު" ގެ މައްސަލާގައި ދައުލަތުން ވަނީ އައްޑޫގެ 63 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލި ނަމަވެސް އެ ދައުވާތައް އަދިވެސް ހުރީ ކޯޓުތަކުގައި 'ތާށިވެފައެވެ'. ދައުވާ ލިބޭ ބައެއް މީހުން އެތިބީ މިހާރު ޑިރެކްޓަރުންނާއި ކައުންސިލަރުންގެ ގޮތުގައި ހެވިފައެވެ.
އިމާރާތްތައް އަންދާލައިގެން ހޯދޭނެ ތަރައްޤީއެއް ކުރިއެރުމެއް ނުވަތަ އައްޑޫގެ ރައްޔިތުންނަށް ކުރާނެ މަންފާއެއް ނޯންނާނެކަން ފެބްރުއަރީ 8 ވަނަ ދުވަހު އަންދާލާފައި ހުރި އިމާރާތްތަކަށް ބަލާލުމުން ކޮންމެ ރައްޔިތަކަށް ވެސް އެނގޭނެއެވެ.
ފެބްރުއަރީ 8 ގައި އައްޑޫ އަށް ލިބުނު ގެއްލުންތަކުން އިބްރަތް ހާސިލްކޮށް މާދަމާ ބާއްވާ 'މޭޑޭ' ގެ ހަރަކާތްތައް ސުލްހަވެރިކަމާއި އެކު ކުރިއަށް ގެންދިއުމަކީ އައްޑޫ ސިޓީ ދެކެ ލޯބިވާ ދަރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު އައްޑޫގެ ރައްޔިތުން ކިބައިން އެދޭ އެދުމެކެވެ.
"ބޮޑު ހުޅު" ގެ މައްސަލާގައި ދައުލަތުން ވަނީ އައްޑޫގެ 63 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލި ނަމަވެސް އެ ދައުވާތައް އަދިވެސް ހުރީ ކޯޓުތަކުގައި 'ތާށިވެފައެވެ'. ދައުވާ ލިބޭ ބައެއް މީހުން އެތިބީ މިހާރު ޑިރެކްޓަރުންނާއި ކައުންސިލަރުންގެ ގޮތުގައި ހެވިފައެވެ.
އިމާރާތްތައް އަންދާލައިގެން ހޯދޭނެ ތަރައްޤީއެއް ކުރިއެރުމެއް ނުވަތަ އައްޑޫގެ ރައްޔިތުންނަށް ކުރާނެ މަންފާއެއް ނޯންނާނެކަން ފެބްރުއަރީ 8 ވަނަ ދުވަހު އަންދާލާފައި ހުރި އިމާރާތްތަކަށް ބަލާލުމުން ކޮންމެ ރައްޔިތަކަށް ވެސް އެނގޭނެއެވެ. ސަރުކާރުތައް އައިސް ގޮސްފިއެވެ. އެހެން ނަމަވެސް އަންދާލި އިމާރާތްތައް އަލުން ބިނާ ކުރެވޭނެ ދުވަހެއް ނޭނގެއެވެ.
ފެބްރުއަރީ 8 ގައި އައްޑޫ އަށް ލިބުނު ގެއްލުންތަކުން އިބްރަތް ހާސިލްކޮށް މާދަމާ ބާއްވާ 'މޭޑޭ' ގެ ހަރަކާތްތައް ސުލްހަވެރިކަމާއި އެކު ކުރިއަށް ގެންދިއުމަކީ އައްޑޫ ސިޓީ ދެކެ ލޯބިވާ ދަރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު އައްޑޫގެ ރައްޔިތުން ކިބައިން އެދޭ އެދުމެކެވެ.