Last Updated: September 8, 06:39
Sunday, September 8, 2024
ރިޕޯޓް

ﷲ އެއްކައުވަންތަ ކުރުމާއި ޙައްޖާ ހުރި ގުޅުން

ﷲ ތަޢާލާ އެއްކައުވަންތަ ކުރުމަކީ ނުވަތަ ތައުޙީދަކީ އިސްލާމްދީނުގެ އަސާސެވެ. ރަސޫލުންނާއި ނަބިއްޔުން ފޮނުއްވުމުގެ މަޤްސަދެވެ. ފޮތްތައް ބާއްވައިލެއްވުނު ޙިކްމަތެވެ. ﷲ ތަޢާލާ އެއްކައުވަންތަކުރުމަކީ އެންމެހައި ރަސޫލުންނާއި ނަބީބޭކަލުންގެ ދަޢުވަތުގެ ބިންގަލެވެ. އެއީ ފަލާޙާއި ކާމިޔާބުގެ މައިނާރެވެ.

ޙައްޖަކީ އިސްލާމްކަމުގެ ފަސްވަނަ ރުކުނެވެ. އެއީ ކެރިކުޅަދާނަވެގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ޢުމުރުން އެއްފަހަރު ފަރުޟުވެގެންވާ އަޅުކަމެކެވެ. ޙައްޖުގެ މަތިވެރި ރުކުނުގެ ތެރޭގައި ﷲ ތަޢާލާ އެއްކައުވަންތަ ކުރުމުގެ ތައުޙީދުގެ ޢަޤީދާ ފާޅުކޮށްދޭ ވަރަށް ގިނަކަންކަން ޝާމިލުވެގެންވެެއެވެ. ﷲ ތަޢާލާ ޙައްޖުގެ އަޅުކަން ޝަރުޢުކުރެއްވި ޙިކްމަތްތަކުގެ ތެރޭގައި އެއިލާހު އެއްކައުވަންތަ ކުރުމުގެ ޢަޤީދާ އިޢުލާންކުރުން ހިމެނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:‎﴿وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ﴾‏ سورة البقرة 196
މާނައީ: "ތިޔަބައިމީހުން اللَّه އަށްޓަކައި ޙައްޖާއި ޢުމްރާ ފުރިހަމައަށް އަދާކުރާށެވެ!"
އަދިވެސް ވަޙީކުރައްވާފައިވެއެވެ: ‎﴿وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا﴾‏ سورة آل عمران 97
މާނައީ: "އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ، އެ ގެފުޅަށް ޤަސްދުކޮށްގެން ދިއުމީ، (އެބަހީ: ޙައްޖުވުމަކީ) اللَّه އަށްޓަކައި މީސްތަކުންގެ މައްޗަށްއޮތް ވާޖިބެކެވެ."

އިސްވެދިޔަ ދެއާޔަތުން އެނގޭ ގޮތުގައި ޙައްޖަކީ ހަމައެކަނި ﷲ އަށްޓަކައި ކުރަން އަމުރުވެވިގެންވާ އަޅުކަމެކެވެ. މިއީ އަޅުކަމުގައި ﷲ ތަޢާލާ އެއްކައުވަންތަ ކުރުމުގެ އަސާސަށް ގޮވާލެވޭ ގޮވާލުމެކެވެ.

ހިޖުރައިން ނުވަވަނަ އަހަރުގައި ޙައްޖު ފަރުޟުވީ ހިނދު އެއަހަރުގެ ޙައްޖުގައި މުހިންމު އިޢުލާންތަކެއް ކުރެއްވުމަށް ރަސޫލާ ﷺ ގެ އަރިހުން ވަޑައިގެންނެވި މަންދޫބެއްގެ ގޮތުގައި ޢަލީގެފާނު ފޮނުއްވިއެވެ. އެގޮތުން އެއަހަރުގެ ޙައްޖުގައި ކުރެވުނު އެންމެ މުހިންމު އިޢުލާނަކީ "މިއަހަރަށް ފަހުގައި ﷲ އަށް ޝަރީކުކުރާ މުޝްރިކުންނަކަށް ޙައްޖެއް ނުވެވޭނެއެވެ."
މިއިޢުލާނަކީ ޙައްޖުގެ މަތިވެރި އަޅުކަން ޝިރުކުގެ ޢަމަލުތަކުންނާއި ޝިރުކުކުރާ މުޝްރިކުންގެ ކިބައިން ޠާހިރުކުރެއްވުމަށް ކުރެވިގެން ދިޔަ އިޢުލާނެކެވެ.

ޙައްޖުގެ އަޅުކަމުގައި ﷲ ތަޢާލާ އެއްކައުވަންތަކުރުން ފާޅުވެގެންދާ އަނެއްކަމަކީ ހިތުން ނިޔަތްގަތުމަށް ފަހު ކިޔާ ޢިބާރާތެވެ. "لبيك اللهم حجا" މިފަދައިން ޙައްޖުވެރިޔާ ކިޔާ ޢިބާރާތަކީ ނަމާދަށް ހިތުން ނިޔަތްގަނެ ކިޔާ ތަކްބީރަތުލް އިޙްރާމްފަދަ ޢިބާރާތެކެވެ. އެއީ ޙައްޖުގެ ނިޔަތެއް ނޫނެވެ. ނިޔަތްގަތުމަކީ ހިތުގެ ޢަމަލެކެވެ.

މިޢިބާރާތުގެ މާނައަކީ: "ޙައްޖުގެ އަޅުކަން ﷲ އަށް އަދާކުރުމަށް އިޖާބަދެމެވެ". މިފަދައިން ޙައްޖުވެެރިޔާ ކިޔައި އިޢުލާން އެކުރަނީ އޭނާ ﷲ އަށް އިޚްލާޞްތެރިވާކަމެވެ. ޙައްޖުގެ އަޅުކަން އޭނާ އަދާކުރަނީ ހަމައެކަނި ﷲ އަށް ކަމަށެވެ. އެހެން އެއްވެސް ފަރާތަކަށް އެއަޅުކަމުން ޙިއްސާއެއް ނެތްކަމެވެ. މިއީ ތައުޙީދެވެ. ﷲ ތަޢާލާ އެއްކައުވަންތަކުރުމެވެ.

ޙައްޖުގެ އަޅުކަމުގައި ﷲ ތަޢާލާ އެއްކައުވަންތަކުރުން ފާޅުވެގެންދާ އަނެއް ކަމަކީ ތަލްބިޔާ ކިޔުމެވެ. ތަލްބިޔާއަކީ ޙައްޖުގެ ޒީނަތެވެ. ޙައްޖުގެ ޝިޢާރެވެ. ތަލްބިޔާއަކީ އަންނަނިވި ޢިބާރާތެވެ: "لبيك اللهم لبيك، لبيك لا شريك لك لبيك، إن الحمد والنعمة لك والملك لا شريك لك".
މާނައީ: "ޔާ ﷲ! މިއަޅާ އިބަ އިލާހަށް އިޖާބައަކަށް ފަހު އިޖާބަ ދެމެވެ. މިއަޅާ އިބަ އިލާހަށް އިޖާބަދެމެވެ. އިބައިލާހަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. މިއަޅާ އިބަ އިލާހަށް އިޖާބަދެމެވެ. ހަމަކަށަވަރުން އެންމެހައި ޙަމްދާއި އެންމެހައި ނިޢުމަތާއި އަދި އެންމެހައި ވެރިކަމެއްވަނީ އިބަ އިލާހަށެވެ. އިބައިލާހަށް އެއްވެސް ބައިވެރިއަކު ނުވެއެވެ."

ޖާހިލިއްޔަ ޒަމާނުގެ އަހުލުވެރިން ޙައްޖުކުރާއިރު އެމީހުން ކިޔަމުން ދިޔަ ތަލްބިޔާއަކީ ޝިރުކު އެކުލެވޭ ތަލްބިޔާއެކެވެ. ނަމަވެސް އިސްލާމްދީން އައުމާއިއެކު ނަބިއްޔާ ﷺ ވަނީ ޝިރުކުގެ ތަލްބިޔާ، ﷲ އަށް ޚާލިޞް ތަލްބިޔާގެ ޢިބާރާތަކަށް ބަދަލުކުރައްވާފައެވެ. އެހެންކަމުން މުސްލިމުން ކިޔަމުންދާ ތަލްބިޔާއަކީ ޝިރުކުން ބަރީއަވެގެންވާކަން އިޢުލާންކުރާ، ﷲ އަށް އިޚްލާސްތެރިކަން އިޢުލާންކުރާ ތައުޙީދުގެ ތަލްބިޔާއެކެވެ.

ޙައްޖުގެ އަޅުކަމުގައި ﷲ ތަޢާލާ އެއްކައުވަންތަކުރުން ފާޅުވެގެންދާ އަނެއް ކަމަކީ ޠަވާފުކުރުމަށްފަހު އަދާކުރާ ސުންނަތް ދެރަކްޢަތެވެ. މިދެރަކްޢަތުގައި ކިޔުމަށް ސުންނަތްވެގެންވަނީ ސޫރަތުލް ފާތިޙާ އާއި އެކީ ސޫރަތުލް ކާފިރޫންއާއި، ސޫރަތުލް އިޚްލާޞް އެވެ.

ސޫރަތުލް އިޚްލާޞްއަކީ ތައުޙީދުގެ ތިންބައިގެ ތެރެއިން ތައުޙީދުއް ރުބޫބިއްޔަތާއި، ތައުޙީދުލް އަސްމާއު ވައްސިފާތު އެކުލެވިގެންވާ ސޫރަތެކެވެ. އަދި ސޫރަތުލް ކާފިރޫންގައިވަނީ ތައުޙީދުލް އުލޫހިއްޔާއެވެ. އެހެންކަމުން ޠަވާފަށް ފަހުގައި ކުރާ ސުންނަތް ދެރަކްޢަތުގައި މިދެސޫރަތް ކިޔެވުމަކީވެސް ﷲ ތަޢާލާގެ އެއްކައުވަންތަކަން ދުލުން ބަޔާންކޮށް ހިތުން އިޢުތިޤާދުކޮށް އިޢުލާންކުރާކުރުމެކެވެ.
ޙައްޖުގެ އަޅުކަމުގައި ﷲ ތަޢާލާ އެއްކައުވަންތަކުރުން ފާޅުވެގެންދާ އަނެއް ކަމަކީ ސަޢުޔުކުރުމެވެ. ޞަފާއާއި މަރުވާއާއި ދެމެދު ސަޢުޔު ކުރާއިރު، ޞަފާ ފަރުބަދާއި، މަރުވާ ފަރުބަދަ މަތީގައި ކިޔަން ވާރިދުވެފައިވާ ދުޢާއަކީވެސް ﷲ ތަޢާލާގެ އެއްކައުވަންތަކަން ބަޔާންކޮށްދޭ، އަދި ޝިރުކުން ބަރީއަވުން އިޢުލާންކުރާ ދުޢާއެކެވެ.
އެދުޢާއަކީ: «لا إله إلا الله، والله أكبر، لا إله إلا الله وحده لا شريك له، له الملك وله الحمد يحيي ويميت وهو على كل شيء قدير، لا إله إلا الله وحده أنجز وعده ونصر عبده وهزم الأحزاب وحده»

ޢަރަފާތް ދުވަހުގައި ކިޔުމަށް ވާރިދުވެފައިވާ ދުޢާއަކީވެސް ﷲ ތަޢާލާގެ އެއްކައުވަންތަކަން ބަޔާންކޮށްދޭ، އެކަލާނގެއަށް ޝަރީކަކު ނުވާކަން ބަޔާންކޮށްދޭ ދުޢާއެކެވެ.
އެދުޢާ އަކީ:
«لا إله إلاَّ اللهُ وحدَهْ لا شرِيكَ لَهُ، لَهُ المُلْكُ ولَهُ الحمدُ، بِيَدِهِ الخَيْرُ وَهُوَ عَلى كُلِّ شيء قَدِير»
ޢަރަފާތް ދުވަހު ޢަރަފާތް ބިމުގައި ނަބިއްޔާ ހުންނެވި ހުންނެވުމަކީވެސް މައްކާގެ މުޝްރިކު ޤުރައިޝުންނާއި ޚިލާފަށް ކުރެއްވި ކަމެކެވެ. އެހެނީ ޖާހިލިއްޔަ ޒަމާނުން ފެށިގެން ޢަރަފާތް ދުވަހު މައްކާގެ މުޝްރިކު ޤުރައިޝުން ތިބެނީ މުޒްދަލިފާގައެވެ. ނަބިއްޔާއަކީ ޤުރައިޝުންގެ ބޭކަލަކަށް ވުމާއިއެކުވެސް އެބައިމީހުން ކަންތައް ކުރަމުން އައި ގޮތާއި ޚިލާފަށް ކަންތައް ކުރެއްވުމަކީވެސް މުޝްރިކުންގެ އަޅުކަމުގެ ގޮތްތަކާއި ޚިލާފުވުމުގެ ގޮތުން ކުރެއްވި ކަމެކެވެ.

ހަމަ އެފަދައިން ޙައްޖުގައި ހަދުޔު ކަތިލުމަކީވެސް ﷲ ތަޢާލާ އެއްކައުވަންތަކުރުން ބަޔާންވެގެންދާ މަތިވެރި ޢަމަލެކެވެ. މުސްލިމުން އެއްޗެއް ކަތިލައި ޤުރުބާނީ ކުރާއިރު ﷲ ތަޢާލާގެ ނަންފުޅު ކިޔުމަށް އަމުރު އައިސްފައިވަނީ އެޢަމަލަކީވެސް ﷲ އަށް ޚާލިޞް އަޅުކަމުގެ ޢަމަލަކަށް ހެދުމަށެވެ.

ގެފުޅު ބިނާކުރުމަށް ﷲ ތަޢާލާ އިބްރާހީމްގެފާނަށް އެެންގެވި ހިނދުގައިވެސް، ﷲ އަށް ޝަރީކު ނުކުރެއްވުމަށް އަމުރުކުރެއްވުމުން އެނގިގެންދަނީ ޙައްޖާއި ޢުމްރާގެ އަޅުކަމާއި އަކީ ﷲ ތަޢާލާ އެއްކައުވަންތަ ކުރުމުގެ ތައުޙީދުގެ ޢަޤީދާއާއި ހުރި ގުޅުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ﴿وَإِذْ بَوَّأْنَا لِإِبْرَاهِيمَ مَكَانَ الْبَيْتِ أَن لَّا تُشْرِكْ بِي شَيْئًا وَطَهِّرْ بَيْتِيَ لِلطَّائِفِينَ وَالْقَائِمِينَ وَالرُّكَّعِ السُّجُودِ﴾ ‎ سورة سورة الحج 26
މާނައީ: "އިބްރާހީމްގެފާނަށް ގެފުޅު ހުންނަތަން ތިމަންރަސްކަލާނގެ ދެއްކެވިހިނދު، ހަނދުމަކުރާށެވެ! (ތިމަންރަސްކަލާނގެ އެންގެވީމެވެ.) ކަލޭގެފާނު ތިމަންރަސްކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރައްވާށެވެ! އަދި ޠަވާފުކުރާ މީހުންނަށާއި، ޤާއިމުވެ ތިބޭ މީހުންނަށާއި، ރުކޫޢުކޮށް ސަޖިދަކުރާ މީހުންނަށްޓަކައި، ކަލޭގެފާނު ތިމަންރަސްކަލާނގެ ގެފުޅު ޠާހިރު ކުރައްވާށެވެ!"

ނޯޓް: މިއީ ޝެއިހް އަހުމަދު ރިމާޒުގެ ލިޔުއްވުމެކެވެ.