ފުވައްމުލަކުގެ އެކި ސަރަހައްދުތަކުގައި ހުރި ހުސްބިންތަކަށާއި ބައެއް މަގުތަކަށް ކުނިއަޅާތީ އެފަދަ އަމަލުތައް ކުރާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
އެތަނުން އާންމުކުރި ބަޔާނެއްގައި ބުނީ ހުސްބިންތަކާއި މަގުތަކަށް އެކި ފަރާތްތަކުން ކުނި އަޅަމުންދާތީ އެ ހިސާބުތަކުގައި ވަސް ނުބައިވެ ދިރިއުޅޭ ރައްޔިތުންނަށް އުނދަގޫވުމުގެ އިތުރަަށް ސިއްޚީ މައްސަލަތަކާއި ކުރިމަތިލާން ޖެހިދާނެކަމުގެ ކަންބޮޑުވުން ވެސް އޮތް ކަމަށެވެ. އަދި މިގޮތަށް އަޅާ ކުނީގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވުމުގެ އިތުރުން ރަށުގެ ވެށީގެ ރީތިކަން ގެއްލެމުންދާކަން ވެސް ފާހަގަކުރެެވޭ ކަމަށް ފުވައްމުލަކު ކައުންސިލުން ބުންޏެވެ.
އެތަނުން ބުނީ މި މައްސަލައިގައި މީގެ ކުރިން ވެސް އެކި ފަހަރު މަތިން ސަމާލު ކަމަށް ގެނެސް، އާންމު ތަންތަނަށް ކުނި ނާޅަން އެންގި ނަމަވެސް މިއަދާ ހަމައަށް އެދެވޭ އެއްބާރުލުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އެތައް ރައްޔިތުންގެ ޝަކުވާތައް ކައުންސިލަށް ތަކުރާރުކޮށް ލިބެމުން އަންނަ ކަމަށް ބުންޏެވެ.
"އެހެންވެ ފުވައްމުލަކުގެ އެކިއެކި ސަރަހައްދުތަކުގައި ހުރި ހުސްބިންތަކަށް އެއްވެސް ބާވަތެއްގެ ކުނި ނޭޅުމަށް ތަކުރާރުކޮށް އަންގަން." ކައުންސިލުން ބުންޏެވެ.
އެތަނުން ވަނީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުން ރާއްޖޭގެ ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ރާއްޖޭގެ ސަރަހައްދުގައި އެއްވެސް ތަނަކަށް ކުނި އެޅުމަކީ މަނާ ކަމެއްކަން ހަނދާން ވެސް ކޮށް ދީފަ އެވެ.
"އެހެންވެ ޢާންމު ޢިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނުން ކައުންސިލަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާގެ ދަށުން މިފަދަ ކުށްތައް ކުރަމުން އަންނަ ފަރާތްތަށް ފާހަގަ ކުރުމަށް ފަހު އެ ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅުއަޅާނެ ވާހަކަ ދަންނަވަން." ކައުންސިލުން ބުންޏެވެ.