ގިނަ ރަށްރަށުގެ މަގުބައްތިތަކަށް ކަރަންޓް ދެވިފައި ހުރީ އެންމެ ރައްކާތެރިކޮށް ނޫން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ދާދި ފަހުން ރ. އުނގޫފާރުގައި ހުރި މަގުބައްތިއަކުން ކަރަންޓުގައި ޖެހިގެން ޒުވާނަކު މަރުވި ހާދިސާއާ ގުޅިގެން ރަށްރަށުގެ މަގުބައްތިތަކުގެ ހާލަތު ވަޒަން ކުރުނަށް ފެނަކަ އިން ކުރިއަށް ގެންދިޔަ އިންސްޕެކްޝަނަށް ފަހު އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ބެލިބެލުމުން ރަށްރަށުގައި ހުރު މަގު ބައްތިތަކަށް ކަރަންޓް ދީފައި ވަނީ އެންމެ ރައްކާތެރިކޮށް ނޫންކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
"މި އިންސްޕެކްޝަނުން ގިނަ ރަށްތަކުގައި ހަރުކުރެވިފައި ހުރި މަގުބައްތިތަކަށް ކަރަންޓް ދެވިފައި ހުރީ އީއެލްސީބީ މެދުވެރި ނުކޮށްކަން ވަނީ ފާހަގަ ކުރެވިފައި،" ފެނަކަ އިން ބުންޏެވެ. "މިގޮތަށް ކަރަންޓް ދޫކުރެވިފައި ހުރުމުން ނުރައްކާތެރި ހާދިސާތައް ހިނގުމަކީ އެކަށީގެންވާ ކަމެއް."
އެހެންވެ ހާދިސާއެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން މަގުބައްތިތަކަށް، މީގެ ފަހުން ކަރަންޓް ދޫކުރެވޭނީ ފެނަކައިން ދޭ ނަމޫނާ ކުރެހުމާއި އެއްގޮތަށް ސަލާމަތީ މިންގަނޑުތަކަށް ފެތޭގޮތަށް ހަދާފައި ހުންނަ ސަބް ޑީބީ ހަރުކޮށްފައި ކަމަށް ކައުންސިލްތަކަށް ވެސް އަންގާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަދި ސަބް ޑިބީ ހަރުނުކުރެވި ހުރި މަގުބައްތިތައް މިދިޔަ މަހުގެ 27 ގެ ކުރިން ސަބް ޑީބީ ހަރުކޮށް ނިންމުމަށް ކުރިން އަންގާފައިވީ ނަމަވެސް ގިނަ ކައުންސިލްތަކުގެ އެދުމުގެ މަތިންނާއި އެ މަސައްކަތުގެ މުހިންމުކަމުން އެކަމަށް އިތުރު މުއްދަތު އެއް މަސް ދީފައިވާ ކަމަށް ވެސް ފެނަކަ އިން ބުންޏެވެ.
މި ކޯޕަރޭޝަނުން ހިދުމަތް ދެމުން ގެންދާ ހުރިހާ ރަށެއްގައި އިޖްތިމާއީ ދިއްލުންތަކަށް ބޭނުންކުރާ (ބަނދަރާއި މަގުމަތީގެ ) ބައްތިތަކުގެ އިންސްޕެކްޝަން މިހާރު ވަނީ ފެށިފައެވެ. މިގޮތުން، ކައުންސިލްތަކާއި ބައްދަލުކޮށް، ކައުންސިލްތަކާއި ގުޅިގެން މި ބައްތިތަކުގެ ހުރި މައްސަލަތައް… pic.twitter.com/AB8B8YloxU
— Fenaka Corporation Ltd (@TeamFenaka) May 28, 2024
"މި މުއްދަތުގެ ތެރޭގައި، ކައުންސިލްތަކުން، ތަކެތި ފޯރުކޮށް ދިނުމުން ފެނަކައިން ހިލޭ ސަބް ޑީބީތައް އިންސްޓޯ ކޮށްދޭނެ ކަމަށާއި ނުވަތަ، ފެނަކައިން ތަކެތި ފޯރުކޮށް، ބިލް ކުރެވޭގޮތަށް މިކުންފުނީގެ ޓެކްނިކަލް މުވައްޒަފުންގެ އެހީތެރިކަމާއި އެކު ސަބްޑީބީ ތައްޔާރުކޮށް ހަރުކޮށް ދިނުމުގެ މަސައްކަތް ކޮށްދެވިދާނެ ކަމަށް ވެސް ވަނީ ދަންނަވާފައި." ފެނަކައިން ބުންޏެވެ.
އެ ކުންފުނިން ބުބީ ޔޫއާރުއޭގެ މިންގަނޑަށް މަގު ބައްތިތައް ގެނައުމަކީ މުހިންމު ކަމަކަށްވާތީ މި މުއްދަތުގެ ތެރޭގައި މިންގަނޑާ އެެއްގޮތަށް އިސްލާހު ނުކުރެވޭ މަގު ބައްތިތަކުން ކަރަންޓް މި މަހުގެ ނިޔަލަށް ކަނޑައިލާނެ ކަމަށެވެ. އެހެންވެ ނެއެ ކަންތަތައް ކައުންސިލްތަކުން ރަނގަޅު ކުރަމުންދޭތޯ ފެނަކައިގެ ބްރާންޗުތަކުން ގާތުން މޮނިޓަ ކުރާނެ ކަމަށް ވެސް ބުންޏެވެ.