Last Updated: September 8, 06:17
Sunday, September 8, 2024
ޚަބަރު

ވެމްކޯގެ ހިދުމަތް ތިނަދޫގައި ރަސްމީކޮށް ފަށައިފި

ރާއްޖޭގެ ހުރިހާ ރަށްތަކަށް ވެމްކޯގެ ޙިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ތިނަދޫ ސިޓީގައި ވެމްކޯގެ ޙިދުމަތްތައް ރަސްމީކޮށް މިއަދު ފަށައިފި އެވެ.

ވެމްކޯގެ ހިދުމަތްތައް ތިނަދޫގައި ރަސްމީކޮށް ފައްޓަވައިދެއްވީ ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ތޯރިޤް އިބްރާހިމް އާއި ވެމްކޯގެ އިސްވެރިންނެވެ.

ވެމްކޯ އިން ބުނީ ތިނަދޫގައި އެ ކުންފުނީގެ ޚިދުމަތްތައް ފެށިގެން އަންނާނީ ގޭބިސީތަކުން އުފައްދާ ދުވަހު ކުނި ނެގުމުގެ ޙިދުމަތުން ކަމަށެވެ. އަމިއްލަ ގޮތުން ކުނި އުކާލަން ބޭނުންވާ ފަރާތްތަކަށް، ކުނި ބަރުކޮށް ގެންދެވޭ އުޅަނދުގެ ރަޖިސްޓްރީއަށް ބިނާކޮށް ޓަނޭޖަކަށް 108ރ ގެ ގޭޓްފީއެއް ނެގުމަށްފަހު ކުނި އުކާލުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.

މީގެއިތުރުން ވިޔަފާރިތަކާއި ސަރުކާރު މުއައްސަސާތަކަށް ވެސް ކުނިއުކައި ދިނުމުގެ ޚިދުމަތްވެސް ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މިގޮތުން، ވިޔަފާރީތަކުން ލީޓަރަކަށް 0.16ރ، ގޭބިސީތަކުން 150ރ، ސަރުކާރު އޮފީސްތަކުން ލީޓަރަކަށް 1.27ރ، އަދި ކޮމާޝަލް ގޭޓްފީގެ ގޮތުން ޓަނޭޖަކަށް 2660ރ ގެ ރޭޓުން ޚިދުމަތްތަކަށް އަގުކުރެވިގެންދާނެ ކަމަށް ވެމްކޯ އިން ބުނެ އެވެ.

މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ވުޒާރާ އިން 17 އޯގަސްޓް 2021 ގައި ގެޒެޓުކޮށްފައިވާ ދިވެހި ރާއްޖޭގެ ކުނި މެނޭޖްކުރުމާއި ބެހޭ ޤަވާއިދުގެ 5 ވަނަ އިސްލާހުގައިވާ ގޮތުގެ މަތީން، ޕްލާސްޓިކް، ބަދިގެ ކުނި އަދި އެހެނިހެން ކުންޏަށް ކުނި ވަކިކުރުމަށް ފަހުގައި މެނުވީ އުކާލާ ކުންޏާ ވެމްކޯއިން ހަވާލު ނުވާނެކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ބަރުކުނީގެ ބާވަތްތައް އުކާލުމަށް ދޭ ޚިދުމަތް ކަމަށްވާ ކެޕްސް އަދި ކެޕްސް ލައިޓްގެ ޚިދުމަތްވެސް ތިނަދޫ އަދި ކުޅުދުއްފުށީގައި ތައާރަފް ކުރެވޭނެ ކަމަށް ވެމްކޯ އިން ބުނެ އެވެ.