އެމްޑީޕީގައި މިހާރު އުރަތްޕެއް ނެތް ކަމަށާއި އިދިކޮޅު ޕާޓީ އަކީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްއިން ރޭ ބޭއްވި ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އެންމެ ވަރުގަދަ ޕާޓީ ކަމަށް އަބަދުވެސް ވަކާލާތުކޮށް އަދި ހައްގުތަކާއި ގުޅޭގޮތުން އެންމެ ގަދައަށް ވާހަކަ ދައްކަނީ އެމްޑީޕީން ކަމަށާއި ނަމަވެސް ކޮންމެ ފަހަރަކު ވެސް ވެރިކަން ލިބުމުން ބަހާއި އަމަލު ސީދާ ނުވާ ކަމަށެވެ.
"މިހާރު އެ އޮތީ ހުސްވެފައި އޮތް ފޯސްއެއްގެ ގޮތުގައި. އޭގެ އުރަތްޕެއް ނެތް. އެއްވެސް ކަމެއް ކުރާތަނެއް ނުފެނޭ،" އެމްޑީޕީ އަށް ފާޑު ވިދާޅުވަމުން ޔާމީން ވިދާޅުވި އެވެ.
ޔާމީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަރަދު ކުޑަކުރުމުގެ ގޮތުން ދިވެހިން ފަނާކޮށްލާ ވަރުގެ، މުޅި ދިވެހި އިގްތިސާދު ސުންނާފަތިވެގެންދާ ފަދަ ކަންކަން ކުރުމުން އެކަމަށް ވެސް އެމްޑީޕީން މިހާރު ތިބީ ތާއީދުކޮށްގެން ކަމަށްވެސް ވިދާޅުވެފަ އެވެ.
"އެހެންތާ ވާނީ؟ މީހަކު ގޯހެއް ހަދައިގެން ރައްޔިތުންގެ ތާއީދު ގެއްލޭ ކަމަށް ވާނަމަ، އެ މީހުން ތިބޭނެ އެއަށް ތާއީދު ކުރަން،"
އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް ރަޖިސްޓްރީކޮށްދިނީ މިދިޔަ އޭޕްރީލް މަހުގެ 25 ގަ އެވެ. އެ ޕާޓީގެ ވަގުތީ ރައީސަކީ ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.
ޕީއެންއެފަކީ ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން އުފައްދަވަން ނިންމެވި ޕާޓީއެކެވެ.
އެ ޕާޓީއާ އެކީ މިހާރު އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް ހިމެނެ އެވެ.