Last Updated: October 18, 11:00
Friday, October 18, 2024
ކުޅިވަރު

ރޮނާލްޑޯއާ ދެކޮޅަށް ކުޅުމަކީ ލިބޭ ޝަރަފެއް

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ ދެކޮޅަށް ކުޅުމަކީ ލިބޭ ޝަރަފެއް ކަމަށް ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ބުނެފި އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައިނަލްގައި މިރޭ ފްރާންސް އާއި ޕޯޗުގަލް ބައްދަލުކުރާނެ އެވެ. ފްރާންސް ކުއާޓާ އަށް ދަތުރުކުރީ ބެލްޖިއަމް 1-0 އިން ބަލިކޮށްގެންނެވެ. ޕޯޗުގަލް ކުއާޓާ އަށް ދަތުރުކުރީ ޕެނަލްޓީގައި ސްލޮވީނިއާ 3-0 އިން ބަލިކޮށްގެންނެވެ.

މިއީ ރޮނާލްޑޯ ،39، ކުޅޭ ފަހު ޔޫރޯ އަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވާއިރު، މިރޭގެ މެޗުގެ ކުރިން ވާހަކަދައްކަމުން އެމްބާޕޭ ބުނީ ރޮނާލްޑޯ އަށް އަބަދުވެސް އިހުތިރާމް ކުރާ ކަމަށާއި ރޮނާލްޑޯއާ އެކު ރަނގަޅު ގުޅުމެއް ފާއިތުވި އަހަރުތަކުގެ ތެރޭގައި އުފެދިފައިވާ ކަމަށެވެ. އެގޮތުން ބައެއް ކަންކަމުގައި ރޮނާލްޑޯގެ ފަރާތުން ނަސޭހަތްތައް ވެސް ލިބޭ ކަމަށް އެމްބާޕޭ ބުންޏެވެ.

"ރޮނާލްޑޯ ފުޓްބޯޅައިގައި ހާސިލުކޮށްފައިވާ ކަންކަމަށް ބަލާއިރު، އޭނާއާ ދެކޮޅަށް ކުޅުމަކީ ލިބޭ ޝަރަފެއް،" އެމްބާޕޭ ބުންޏެވެ.

އެމްބާޕޭ ބުނީ މި މުބާރާތުގައި ކޮންމެ ގޮތަކަށް ކަންކަން ދިމާވި ނަމަވެސް ރޮނާލްޑޯ އަބަދުވެސް ފުޓްބޯޅައިގެ ލެޖެންޑެއްގެ ގޮތުގައި ދެމި ހުންނާނެ ކަމަށެވެ. ނަމަވެސް އުއްމީދަކީ މިރޭގެ މެޗުން މޮޅުވެ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރުން ކަމަށްވެސް އެމްބާޕޭ ބުންޏެވެ.

ފްރާންސް އާއި ޕޯޗުގަލް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.