Last Updated: September 8, 06:39
Sunday, September 8, 2024
ރިޕޯޓް

ސަލާމް ކުރުމުގެ މުހިއްމުކަން

ސަލާމް ކުރުމަކީ އިސްލާމްދީނުގެ ޝިޢާރުތަކުގެ ތެރެއިން ޝިޢާރެކެވެ. ސަލާމް ކުރުމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ. އެގޮތުން، އިސްވެ ސަލާން ގޮވުމަކީ ސުންނަތެއް ކަމުގައްޔާއި، ސަލާމަށް ރައްދު ދިނުމަކީ މުސްލިމުން އެކަކު އަނެކަކަށް އަދާކޮށް ދޭން ޖެހޭ ޙައްޤެއްކަމަށް އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވެ އެވެ. އަދި ސަލާން ފެތުރުމަކީ މުސްލިމުން އެއްބަޔަކު އަނެއް ބަޔަކު މެދުގައި ލޯބި އިތުރުވެގެން ދާނެ ކަމެއް ކަމުގައި ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅެއްގައި ބަޔާން ކުރައްވާފައިވެ އެވެ. އަދި އެއީ ސުވަރުގެ ވަނުމުގެ ސަބަބެއް ކަމުގައި ވެސް ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅެއްގައިވެ އެވެ. އެހެންކަމުން، އަޅުގަނޑުމެން ގޭގެއަށް ވަންނަ އިރުގައި، އަދި އެކަކު އަނެކަކާ ބައްދަލުވާ ހިނދު ގިނަގިނައިން ސަލާން ފެތުރުމަށް އާދަ ކުރަން ވާނެ އެވެ.

އެގޮތުން، ސަލާން ގޮވުމާ ބެހޭ ގޮތުން، ވަރަށް ގިނަ ދަލީލުތައް ޤުރުއާނާއި ސުންނަތުގައި ބަޔާންވެގެން އައިސްފައިވެ އެވެ.

ﷲ ޞުބްޙާނަހޫ ނޫރު ސޫރަތުގައި ވަޙީކުރައްވާފައިވެއެވެ. {يَا أَيُّهَا الَّذِينَ آمَنُوا لا تَدْخُلُوا بُيُوتًا غَيْرَ بُيُوتِكُمْ حَتَّى تَسْتَانِسُوا وَتُسَلِّمُوا عَلَى أَهْلِهَا}[1] މާނައީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ أهل ވެރިންނަށް سلام ކޮށް إذن ލިބިގެންފުމަށްދާނދެން ނުވަންނާށެވެ!”.

އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެ އެވެ. {فَإِذَا دَخَلْتُم بُيُوتًا فَسَلِّمُوا عَلَىٰ أَنفُسِكُمْ تَحِيَّةً مِّنْ عِندِ اللَّـهِ مُبَارَكَةً طَيِّبَةً ۚ}[2]. މާނައީ: “ފަހެ، ތިޔަބައި މީހުން ގޭގެ އަށް ވަންނައިރު، اللَّه ގެ حضرة ންވާ بركات ތެރި ރަނގަޅު سلام އަކުން ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތިޔަބައިމީހުން سلام ކުރާށެވެ!”.

މީގެ އިތުރުން ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. (أن رجلاً سأل رسول الله صلى الله عليه وسلم أي الإسلام خير؟: قال “تطعم الطعام وتقرأ السلام على من عرفت ومن لم تعرف)[3] މާނައީ: “މީހަކު ރަސޫލާ صلى الله عليه وسلم ގެ އަރިހުން ސުވާލުކުރެއްވިއެވެ. އިސްލާމް ދީނުގައި އެންމެ މާތްވެގެންވާ ޢަމަލަކީ ކޮބައިހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. ތިބާ މީސްތަކުންނަށް ކާންދޭށެވެ. އަދި ތިބާ ދަންނަ މީހުންނާއި ތިބާ ނުދަންނަ މީހުންނަށް ސަލާމްކުރާށެވެ”.

އަދި ސަލާމަށް ރައްދު ދިނުމަކީ މުސްލިމުން އެކަކު އަނެކަކަށް އަދާކޮށްދޭންޖެހޭ ޙައްޤެއްކަން ބަޔާންކުރައްވަމުން ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. (‏حق المسلم علي المسلم خمس‏:‏ رد السلام، وعيادة المريض، واتباع الجنائز، وإجابة الدعوة، وتشميت العاطس)[4] މާނައީ: “އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އަދާކޮށްދޭންޖެހޭ ފަސް ޙައްޤެއްވެއެވެ. އެއީ ސަލާމްގެ ޖަވާބުދިނުމާއި ބަލިމީހާއަށް ގޮވާލަންދިއުމާއި ދަޢުވަތުދޭ މީހާއަށް އިޖާބަދިނުމާއި ކިނބިހިއަޅާ މީހާއަށް ޖަވާބުދިނުމެވެ”.

އަދި ސަލާމް ފެތުރުމަކީ އެއް ބަޔަކު އަނެއް ބަޔަކު މެދުގައި ލޯބި އިތުރުވާ ކަމެކެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. (‏‏لا تدخلوا الجنة حتى تؤمنوا ولا تؤمنوا حتى تحابوا أولا أدلكم على شيء إذا فعلتموه تحاببتم‏؟‏ أفشوا السلام بينكم‏)[5] މާނައީ: “ތިޔަ ބައި މީހުންގެ އީމާންކަން ފުރިހަމަ ނުވާ ހިނދެއްގައި ތިޔަބައިމީހުންނަށް ސުވަރުގެ ނުވަދެވޭ ހުއްޓެވެ. އަދި ތިޔަބައިމީހުން އެއްބައިވަންތަކަށް ޤާއިމްނުކުރާ ހިނދެއްގައި ތިޔަބައިމީހުންގެ އީމާންކަން ފުރިހަމަ ނުވާ ހުއްޓެވެ. ތިމަންކަލޭގެފާނު ތިޔަބައިމީހުން އެޢަމަލެއްގެ ސަބަބުން އެއްބައިވަންތަކަން ޤާއިމްވާފަދަ ޢަމަލެއްގެ ވާހަކަ ބުނެދެން ހެއްޔެވެ؟ ދަންނާށެވެ. ތިޔަބައިމީހުންގެ މެދުގައި ސަލާމްކުރުން ގިނަކުރާށެވެ”. އެހެންކަމުން، މި ޙަދީޘުން އެނގިގެންދާގޮތުގައި ސަލާމްކުރުން ގިނަކުރުމަކީ ސުވަރުގެ ވަނުމަށް އޮތް ސަބަބެކެވެ.

އެހެންކަމުން، އަޅުގަނޑުމެން ގިނަގިނައިން ސަލާން ގޮވާއި، މުޖްތަމަޢުގައި ގެއްލިގެންދާ މި ޞިފަ ދިރުވާ ބަޔަކަށްވަމާތޯ އެވެ. އަޅުގަނޑުގެ ދުޢާއަކީ، މާތް ﷲ އަޅުގަނޑުމެންނީ، ގިނަގިނައިން ސަލާމްފަތުރާ ބަޔަކު ކަމުގައި ލައްވާ، މި ރިވެތި ޞިފަ އަޅުގަނޑުމެންގެ ކިބައިގައި އަށަގެންނެވުމެވެ. އާމީން!

ނޯޓް: އިލްމު.އެމްވީ