Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

މެނިންގޮކޯކަލްގެ އިތުރު ކޭހެއް ނެތް

ވެކްސިން ޖެހުން ކުރިއަށްދަނީ - ފޮޓޯ: ރައީސް އޮފީސް

ނުރައްކާތެރި ޖަރާސީމަކުން ފެތުރޭ އަދި ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކަލް ބަލީގެ އިތުރު ކޭހެއް ރިޕޯޓު ކުރެވިފައި ނެތް ކަމަށް ހެލްތު ޕްްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މެނިންގޮކޯކަލްގެ ކޭހެއް ރާއްޖެއިން ފެނުނީ މިދިޔަ މަހުގެ 25 ވަނަ ދުވަހެވެ. އެއާއެކު އެޗްޕީއޭއިން ވަނީ ބައްޔަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި މީހުން ދެނެގަތުމަށް ކޮންޓެކްޓް ޓްރޭސިން ހަދަން ފަށާފަ އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ އެ ކޭހާއި ގުޅިގެން ކުރެވުނު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ކްލޯޒް ކޮންޓެކްޓުންނަށް ވަނީ ބޭސް ދެވިފައި ކަމަށެވެ.

"އިތުރު ކޭސްއެއް އެޗްޕީއޭއަށް ރިޕޯޓް ކުރެވިފައެއް ނެތް،" އެޗްޕީއޭ އިން ބުންޏެވެ.

މެނިންގޮކޯކަލް މެނިންޖައިޓިސް އަލާމަތްތަކުގެ ތެރޭގައި ސިކުނޑި އާއި ސްޕައިނަލް ކޯޑުގެ ވަށައިގެން ހުންނަ ދުލިފަށަލަ އިންފެކްޓުވެ، ދުޅަވުމާއި ލޭގާ އިންފެކްޝަން އުފެދި، ބެކްޓީރިއާ ލޭގައި ދައުރުވެ، ލޭހޮޅިތަކަށް ގެއްލުންވުން ހިމެނެ އެވެ.

މި ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ބަލީގެ އަލާމާތްތައް ފެންނަން ފަށާނީ ބަލިޖެހޭތާ 1-10 ދުވަހާ ދެމެދު އެވެ.

މިއީ މެނިންގޮކޯކަލް އިން ރާއްޖެ އިން ފެނުނު ފުރަތަމަ ފަހަރެވެ.